
-
ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް އަލަށް އައްޔަންކުރާ ފަނޑިޔާރުން މާދަމާ ހުވާކުރަން ހަމަޖައްސައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މީޑިއާތަކަށް ފޮނުވި ދައުވަތުގައި ބުނީ ފަނޑިޔާރުން ހުވާކުރުން މާދަމާރޭ 8:30 ގައި އޮންނާނެ ކަމަށެވެ. އެގޮތުން ޖޭއެސްސީން ހައިކޯޓަށް އައްޔަނުކުރަން ނިންމާފައިވަނީ މުހައްމަދު ޝަހީދު އާއި ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާއެވެ.
ފަނޑިޔާރުކަމަށް އެދެބޭފުޅުން އައްޔަނުކުރަން ޖޭއެސްސީއިން ނިންމީ، ހައިކޯޓުން ހުސްވެފައިވާ ދެ ފަނޑިޔާރުންގެ މަގާމަށް ކުރިމަތިލީ 17 މީހުންގެ ތެރެއިންނެވެ.
ނަމަވެސް ޖޭއެސްސީން ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނުކުރަން ނިންމި ދެ ބޭފުޅުންގެ ތެރޭގައި ހިމެނޭ ޝަހީދުއަކީ ވެރިކަން ކުރާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވައި އަދި ދާދި ފަހަކާއި ޖެހެންދެންވެސް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. ޝަހީދު ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވީ ސިޔާސީ މަގާމެއްގެ ގޮތުގައި އެވެ.
މިއާއިއެކު ހައިކޯޓަށް ޝަހީދު އައްޔަންކުރުން މަޑުޖައްސާލުމަށް އެދި ސިވިލް ކޯޓަށް ވަނީ މައްސަލައެއް ވެސް ހުށަހަޅާފައި އެވެ. ޖޭއެސްސީއިން ހުވާކުރުމުގެ ކަންކަން ހަމަޖެއްސި އިރު ސިވިލް ކޯޓުން އަދި މިހާތަނަށް އެކަމާއި ގުޅިގެން ނިންމުމެއް ނިންމާފައި ނުވެއެވެ. ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅުއްވީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި އަހުމަދު ނައުޝާދެވެ. އެ މައްސަލަ ނިމެންދެން އެކަން ހުއްޓުވަން ވަގުތީ އަމުރަކަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ނައުޝާދު ވިދާޅުވީ، ސިޔާސީ މަގާމެއް އަަދާކުރެއްވި ބޭފުޅަކު، ފަނޑިޔާރު ކަމަށް އައްޔަން ކޮށްގެން ނަޒާހަތްތެރިކަމާ އެކު، މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އަދި ޝަރުއީ ދާއިރާގައި މަސައްކަތްކޮށް، ގިނަ ތަޖުރިބާ ލިބިފައިވާ ބޭފުޅުން ކުރިމަތިލައްވާފައި ވަނިކޮށް، އަމިއްލަ ކުންފުންޏެއްގައި ވަކީލަކަށް އުޅުއްވި ބޭފުޅަކު ފަނޑިޔާރަކަށް އައްޔަން ކުރުން ގަބޫލު ނުކުރެއްވޭ ކަމަށް ވިދާޅުވި އެވެ.
ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިފަހަރު ކުރިމަތިލެއްވި ބޭފުޅުންގެ ތެރޭގައި ދަށު ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުންނާއި ކުރީގެ ފަނޑިޔާރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.