
މާފުށީ ބަނދަރުން ސަފާރީގެ ބައިތައް ނަގައި ސާފުކުރަނީ-ފޮޓޯ: މާފުށީ ކައުންސިލް
މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު ހެނދުނު ކ.މާފުށީ ފަރަށް އެރި ސަފާރީގެ ބައިތައް މާފުއްޓަށް ލައްގަމުންދާތީ ރައްޔިތުންނާއި ކައުންސިލް އަދި ފުލުހުން ގުޅިގެން އެތަކެތި ނަގަން ފަށައިފި އެވެ.

މާފުށީ ކައުންސިލުން ބުނީ މި ސަފާރީއަކީ މޫސުން ގޯސްވެ ވައިގަދަވެ ކަނޑުގަދަވުމުގެ ސަބަބުން މިއަދު ހެނދުނުގެ ވަގުތެއްގައި ނަގިލި ކަހާލައިގެން ތޮށި މައްޗަށް ލެއްވި ސަފާރީއެއް ކަމަށެވެ.
އެހެންކަމުން ސަފާރީ ހަލާކުވެ، އޭގެ ބައިތައް ކުދި ކުދި ވުމުގެ ސަބަބުން ރަށުގެ ފަޅުތެރެއަށް ލައްގަމުންދާ ކަމަށް މާފުށީ ކައުންސިލުން ބުންޏެވެ. އަދި އެތަކެތި ފަޅުތެރެއިން ނަގައި ސާފުކުރުމުގެ މަސައްކަތް މާފުށީ ކައުންސިލް، މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނި، މާފުށީ ޕޮލިސް، ރަށުގެ އެހެނިހެން މުއައްސަސާތަކާއި، އެމްޓީސީސީ އަދި ރަށުގެ ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި މާފުށީ ކައުންސިލްގެ ނައިބު ރައީސް ހުސައިން އަމީލު ވިދާޅުވީ ބަނދަރު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސަފާރީ ހިނގި ވަގުތުގައި ސަފާރީގައި ތިބީ 6 ފަޅުވެރިންކަމަށާއި އެމީހުންގެ ހާލު ރަނގަޅުކަމަށް ނައިބު ރައީސް ފާހަގަކުރެއްވި އެވެ.ފުލުހުން ބުނެފައިވަނީ މި ހާދިސާ ހިނގާފައިވަނީ ވިލާގަނޑުގައި ވައިގަދަވި ވަގުތު ސަފާރީގެ ނަގިލި ކަނޑައިގެންގޮސް، އެ ރަށު ބަނދަރުގެ ބޭރު ތޮއްޓަށް ލައްވުމާ ގުޅިގެން ކަމަށެވެ. އަދި މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު 10:15 އެހާކަންހާއިރު ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މީގެއިތުުރުން ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާކަމަށެވެ.
މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވެފައި، ކަނޑުތައް ގަދަވުމުގެ ސަބަބުން މޫސުމަށް ސަމާލުވާން ހުރިހާ އިދާރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ. އަދި މެޓްވަނީ ރާއްޖޭގެ ބިޑުބަޔަކަށް އެލާޓްތައް ނެރިފަ އެވެ.
ގުޅުންހުރި

ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކޮށް ހއ އިން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

މާފުށީ ފަރަށް އެރި ސަފާރީގެ ބައިތައް ނަގަން ފަށައިފި




