logoEN
WAMCO TOP 1
މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި "މާފަންނު ބަސް ސްޓޭޝަން" ހުޅުވައިފި

މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި "މާފަންނު ބަސް ސްޓޭޝަން" ހުޅުވައިފި

# މާލެ ސިޓީ# މާލެ ސިޓީ ކައުންސިލް

ފޮޓޯ: މާލެ ސިޓީ ކައުންސިލް

މޯލްޑިވްސް އިސްލާމިކް ބޭންކުގެ އެހީއާއެކު މާލެ ސިޓީ ކައުންސިލުން މާފަންނު މައިޒާން ކުރިމަތީގައި ތަރައްޤީކުރި ޒަމާނީ ފެންވަރުގެ ބަސް ސްޓޭޝަން ހުޅުވައިފިއެވެ.

THE TRAVELLER AD

މި ބަސް ސްޓޭޝަނަކީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކުރުމަށް ހެދި ތަނެކެވެ.

މި ބަސް ސްޓޭޝަން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ޗީފް އެޑްމިނިސްޓްރޭޓިވް އޮފިސަރު މުޙައްމަދު ޒުހައިލް ޒަޢީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ކައުންސިލަރުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންގެ އިތުރުން ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ މާލެ ސިޓީގައި ތަރައްޤީކުރި މި ފަދަ ފުރަތަމަ ބަސް ސްޓޭޝަނެވެ. މި ތަނުގެ އެތެރެ އޭސީކޮށްފައިވާއިރު، އާންމުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބިދިނުމަށް ޓަކައި އެމްއައިބީގެ ދެ އޭޓީއެމް ވެސް، މި ސްޓޭޝަންގައި ވަނީ ބަހައްޓާފައެވެ. އަދި އޭސީގައި ތިބުމަށް ދަތިވާ ފަރާތްތަކަށް ފަސޭހަ ކުރުމަށް ޓަކައި، މި ބަސް ސްޓޭޝަންގެ ބޭރުގައި ވެސް ގޮނޑިތައް ބަހައްޓައިފައި ހުންނާނެއެވެ.

މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، އެމްއައިބީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން މާލޭގެ ހަތަރު ސަރަހައްދެއްގައި މި ފަދަ ބަސް ސްޓޭޝަންތައް ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ ދަށުން ދެން ބަސް ސްޓޭޝަންތައް ހެދުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކަކީ:

އަމީނީ މަގު ސިނަމާލެ 3 ސަރަހައްދު

ބޮޑުތަކުރުފާނުމަގު މާލެ ސިޓީ ހޯލް ބޭރު

ބޮޑުތަކުރުފާނު މަގު ރާޅުގަނޑު ސަރަހައްދު

މި ބަސް ސްޓޭޝަންތަކުގެތެރެއިން، ބޮޑުތަކުރުފާނުމަގު ރާޅުގަނޑު ސަރަހައްދުގައި ހަދާ ބަސް ސްޓޭޝަން، 2026 އޮގަސްޓް ގައި ނިންމައި ހުޅުވުމަށް ހަމަޖެހިފައިވާއިރު، އަނެއް 2 ބަސްސްޓޭޝަން، މި ހިނގާ 2026 ވަނަ އަހަރު ނިމުމުގެ ކުރިން ނިންމައި ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ހުރިހައި ޚަރަދެއް ކުރަނީ އެމްއައިބީންނެވެ. މި އެއްބަސްވުމުގެ ދަށުން 10 އަހަރުގެ މުއްދަތަށް، މި ބަސްސްޓޭޝަންނުގައި ބަހައްޓައިފައި ހުރި 2 އޭޓީމް ހުރިތަނަށް އެމްއައިބީން، ކައުންސިލަށް އެއްވެސް ކުއްޔެއް ދައްކަން ނުޖެހޭނެއެވެ. މި ބަސް ސްޓޭޝަންތައް މަރާމާތުކޮށް ބެލެހެއްޓުމުގެ ހުރިހައި ޒިންމާއެއް އުފުލާނީ ވެސް އެމްއައިބީންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ މުރާލި ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މުރާލި މެމްބަރުންނާއި އަދި ޚިދުމަތްތެރި މުއައްޒަފުންގެ މަސައްކަތުގެ މައިގަނޑު އަމާޒަކީ، މާލެ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް، އަމާން، ރައްކާތެރި، ހިތްހަމަޖެހޭ، އުފާވެރި، ސިޓީއަކަށް، މި ސިޓީ ހެދުންކަމަށެވެ.

މާލެ ސިޓީއާއި އެމްއައިބީ ގުޅިގެން ބަސް ސްޓޭޝަން ތަރައްޤީ ކުރުމަށް ހިންގާ މި މަޝްރޫޢަށް ޢިޝާރާތްކުރައްވަމުން މޭޔަރ ވިދާޅުވީ، މާލެ ސިޓީ ކައުންސިލާ ގުޅިގެން މި ފަދަ ކަންކަން ކުރުމުގެ ފުރުޞަތު ހުރިހައި ފަރާތްތަކަށް ވެސް ހުޅުވައިލެވިފައިވާކަމަށާއި އަދި އެ ފަދަ ފަރާތްތަކަށް، ކައުންސިލުން މަރުޙަބާކިޔައި، ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށެވެ.

ކޮމެންޓް
ފަހުގެ
HDC