
އުސް އިމާރާތްތަކަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި
# ޑެޕިއުޓީ މޭޔަރު މީކާއީލް # މާލެ ސިޓީ މޭޔަރު# މާލެ ސިޓީ ކައުންސިލްމާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީކާއީލް- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭގެ އުސް އިމާރާތްތަކުގައި ދިރިއުޅޭ އެތައް ހާސް ރައްޔިތުންނަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ފަށައިފި އެވެ.

މިދިޔަ ބުދަ ދުވަހު މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު މީކާއިލް މުހައްމަދު ރިޔާޒެވެ.
މި ޖަލްސާގައި ޑެޕިއުޓީ މޭޔަރު މީކާއީލް ވިދާޅުވީ ހަފްތާ ބަންދު ދުވަސްތަކާއި، ޕީކް ގަޑިތަކުގައި އުސް އިމާރާތްތަކަށް ފެން ލިބުމުގައި ބޮޑެތި ދަތިތައް ދިމާވާއިރު، ބައެއް ގެތަކަށް އެއްގޮތަކަށްވެސް ފެން ނުލިބޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުންދާކަމަށެވެ.
މި މައްސަލާގައި އޮތް މާލީ ބުރައާ ގުޅިގެން މީކާއީލް ވިދާޅުވީ އެއްވަނަ ފްލޯގައި އުޅޭ މީހާ އާއި ހަވަނަ ފްލޯގައި އުޅޭ މީހާވެސް އެމްޑަބްލިއުއެސްސީ އަށް ފެނުގެ ޓެރިފް ރޭޓު އެއްވަރަކަށް ދައްކާއިރުވެސް، ހަވަނަ ފްލީއަށް ފެން ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމަށް 80,000 އަށް ވުރެ ގިނަ ރުފިޔާގެ މާލީ ތަކުލީފެއް އުފުލަން ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމަށާއި، މިއީ މެދުފަންތީގެ އާއިލާއަކަށް އުފުލޭނެ ބުރައެއް ނޫން ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކުރުމަކީ ކައުންސިލްގެ ޒިންމާއެއްކަން ފާހަގަކުރައްވައި، ޑެޕިއުޓީ މޭޔަރު ވަނީ އެމް.ޑަބްލިއު.އެސް.ސީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާ ބައްދަލުކުރުމަށް ހުށަހަޅުއްވާފަ އެވެ. އަދި ސޭފްޓީ މިންގަނޑުތަކަށް ފެތޭ، އަގުހެޔޮ ތިންވަނަ ފަރާތްތަކުގެ ޕަމްޕުތައް ބޭނުންކުރުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމަށް ބާރުއެޅުމަށްވެސް އޭނާ ހުށަހެޅުއްވި އެވެ.
މީގެއިތުރުން މީކާއީލްގެ ހުށަހެޅުއްވުމަށް މާފަންނު އުތުރު ދާއިރާގެ ކައުންސިލަރު ހުސައިން ފުރުޝާން ތާއީދުކުރައްވާފައިވާއިރު، މޭޔަރު އާދަމް ޢާޒިމް ވެސް ވަނީ މި މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ނުހަނު ބޮޑު ތަކުލީފެއްކަން ގަބޫލުކުރައްވައި، މިކަމުގައި އަވަސް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ގުޅުންހުރި

އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި

އުސް އިމާރާތްތަކަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ އަހަރީ ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން އެހީތެރިވުމަށް ފާސްކޮށްފި




