
އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި
# މާލެ ސިޓީ ކައުންސިލް# ފިއުލް ޝެޑް# ވިލިމާލެ# އެފްއެސްއެމްމާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ ޢާންމު ޖަލްސާ- ފޮޓޯ: މާލެ ސިޓީ ކައުންސިލް
ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ތަރައްގީކުރާ ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ސެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުންނެވެ.
ރަސްމީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ވިލިމާލެ ފަދަ ޑިމާންޑް ކުޑަ ސަރަހައްދެއްގައި ވިޔަފާރި ދެކޮޅުޖެއްސޭނީ، ތެލުގެ އިތުރުން ފެން ފަދަ ހިދުމަތްތައްވެސް ދީގެން ކަމަށް ގަބޫލުކުރާ ކަމަށާއި، ދައުލަތުގެ ކުންފުނިތައް ހަރުދަނާކުރުމަށް މަސައްކަތްކުރާ ދަނޑިވަޅެއްގައި ކައުންސިލްގެ އެހީތެރިކަން ދިނުމަކީ އެ ކުންފުނިތަކަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއްކަމަށެވެ. އަދި އެއް ތަނަކުން ދެ ހިދުމަތް ލިބެން ހުރުމަކީ ރައްޔިތުންނަށްވެސް ލިބޭ ވަރަށް ބޮޑު ލުއިއެއްކަމަށް މޭޔަރު ފާހަގަކުރެއްވި އެވެ.
"ރައްޔިތުންނަށް ތެލާއި ފެން، އެއްތާކުން ލިބެންޏާ ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ. އަދި މާލޭގެ ދެކުނުފަރާތުގައި ހުންނަ ލޯންޗުފަހަރަށް، ވިލިމާލެއިން ފެނާއި ތެޔޮ ލިބޭނަމަ އެ ސަރަހައްދަށް ޑައިވާޓް ކުރެވޭނެ" މޭޔަރު ވިދާޅުވި އެވެ.
މީގެއިތުރުން މޭޔަރު ވިދާޅުވީ މީގެ ސަބަބުން މާލޭގެ ބަނދަރަށް ބާރުބޮޑުވުމުގެ މައްސަލައަށްވެސް ހައްލެއް ލިބިގެންދާނެ ކަމަށެވެ.
މިކަމަށް ތާއިދުކުރައްވައި މާފަންނު ހުޅުނގު ދާއިރާގެ ކައުންސިލަރުން މުހައްމަދު ރިޟްވާން ޢަލީ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތެއް ދެވެން އޮތް ކޮންމެ ކަމެއްގައި ކައުންސިލުން އެއްބާރުލުން ދޭންޖެހޭނެކަމާއި، މިއީ ވަރަށް ރަނގަޅު ނިންމުމެއް ކަމަށެވެ.
މި ނިންމުމާއެކު ކުރިއަށް އޮތް ތަނުގައި ވިލިމާލޭ ފިއުލް ޝެޑުން ތެލުގެ އިތުރުން ފެންވެސް އޮނޑިދޯނިފަހަރަށް ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ އެވެ. އަދި މިއީ ވިލިމާލެ ސަރަހައްދުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ލިބިގެންދާނެ ބޮޑު ލުޔެކެވެ.
ގުޅުންހުރި

އެފްއެސްއެމުން ވިލިމާލޭގައި ތަރައްގީކުރާ ފިއުލް ޝެޑުން ފެން ވިއްކުމުގެ ހުއްދަ ދިނުމަށް ނިންމައިފި

އުސް އިމާރާތްތަކަށް ފެން ލިބުމުގައި ދިމާވާ ޕްރެޝަރުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފަށައިފި

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ އަހަރީ ޖަލްސާ ބޭއްވުމަށް މާލެ ސިޓީ ކައުންސިލުން އެހީތެރިވުމަށް ފާސްކޮށްފި




