
ސަވާހިލި ސިޓީ ކައުންސިލްގެ އިހުތިސާސްއިން ވަކިކުރީ ނުހައްގު މަންފާ ހޯދަން އުޅޭތީ
# އައްޑޫ ސިޓީ ކައުންސިލް# ޓޫރިޒަމް# މެންބަރު އިސްމާއީލް ނިޒާރުފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު
ސަވާހިލި ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީކުރަން އުޅެނީ ދައްކަންކަމާއި، ސަވާހިލި ސިޓީ ކައުންސިލްގެ އިހުތިސާސް އިން ވަކިކުރީ ނުހައްގު މަންފާ ހޯދަން އުޅޭތީ އެކަން ހުއްޓުވުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

މެންބަރު އިސްމާއީލް ނިޒާރު މިހެން ވިދާޅުވީ ސަވާހިލި ތަރައްގީ ކުރަން ބީލަމަށް ލާފައިވަނިކޮށް، ސިޓީ ކައުންސިލްގެ އިހުތިސާސުން އެ ރަށް ސަރުކާރުން ވަކިކުރުމާ ގުޅިގެން ސިޓީ ކައުންސިލާއި އެމްޑީޕީން ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އެކަމަށް ރައްދު ދެއްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އައްޑޫ ސިޓީ ކައުންސިލުން ސަވާހިލި ޓޫރިޒަމަށް ހާއްސަކޮށްގެން ތަރައްގީ ކުރަން އުޅޭ ކަމަށް ދައްކަން އުޅެނީ ނުހައްގު މަންފާ ހޯދަން ކަމަށް މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވި އެވެ. އަދި ނުހައްގު މަންފާ ހޯދަން އުޅުން ނާކާމިޔާބުވީމަ، ރައްޔިތުންނަށް އޮޅުވާލައި، ފިތުނަ އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ދެރަ ކަމެއްކަމަށް ނިޒާރު ފާހަގަކުރެއްވި އެވެ.
ސަވާހިލި އައްޑޫ ސިޓީ ކައުންސިލްގެ ފުރިހަމަ ބާރުގެ ދަށުގައި އޮންނަތާ އެތައް ޒަމާނެއްވެއްޖެކަން ފާހަގަކުރައްވާ ނިޒާރު ވިދާޅުވީ އެރަށް އޮތް ސަރަހައްދުގައި އޮތް ފޭދޫގައި ޓޫރިޒަމް ޒޯން ތަރައްގީކުރަން ފެށީ އިއްޔެއަކު މިއަދަކު ނޫން ކަމަށެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގައި އަބަދުވެސް އޮންނަނީ އެމްޑީޕީގެ ފުރިހަމަ ބާރުކަންވެސް ނިޒާރު ފާހަގަކުރެއްވި އެވެ.
"އެމްޑީޕީގެ ދެ ވެރިކަމެއް ނިމިއްޖެ ސަވާހިލި ކުރިންވެސް އޮތް. އެއްވެސް ކަމެއް އެތާކު ނުކުރޭ. އައްޑޫ ރައްޔިތުންނަށް ހެޔޮ އެދިގެން ފޭދޫ ޓޫރިޒަމް ޒޯނަށްޓަކައި ސަވާހިލި ތަރައްގީކުރި ނަމަ މިއަދަކު އެތަން ފަޅު ރަށެއްގެ ގޮތުގައި ނޯންނާނެ" ނިޒާރު ވިދާޅުވި އެވެ.
ސިޓީ ކައުންސިލުން ސަވާހިލި ބީލަށް ލާފައިވަނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 22 ވަނަ ދުވަހު ނެރުއްވި ގަރާރުގައި އެރަށް ސިޓީ ކައުންސިލްގެ އިހުތިސާސްއިން ވަނީ ވަކިކޮށްފަ އެވެ.
މިކަމާ ގުޅިގެން އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވީ މިއީ އައްޑޫގެ ތަރައްގީއަށާއި އިގްތިސޯދީ ކުރިއެރުމަށް ސަރުކާރުން އެޅި ހުރަހެއްކަމަށެވެ. އަދި މިކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައިވަނީ ކައުންސިލްގެ މަސައްކަތްތަކަށް ސަރުކާރުން ހުރަސް އެޅުން ހުއްޓާލައި، ސަވާހިލި އަލުން ކައުންސިލްގެ އިހުތިސާސަށް ރުޖޫއަކޮށް ދޭން ގޮވާލައިފަ އެވެ.






