
ފަތުރުވެރިން ދަށްވަމުން ދިޔަ ރޭޓު މިހާރު ވަނީ ކުޑަކުރެވިފަ: މިނިސްޓަރ
# ޓްރާންސްޕޯޓް މިނިސްޓްރީ# ދަތުރުފަތުރާއި އެތެރޭގެ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން
ފަތުރުވެރިން ދަށްވަމުން ދިޔަ ރޭޓު މިހާރު ވަނީ ކުޑަކުރެވިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.މިނިސްޓރ އަމީން ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރުގެ ނިޒާމަށް އެރި ބޮޑެތި ލޮޅުންތަކެއް އެރިއިރު، އޭގެ އަސަރު ރާއްޖެއަށްވެސް ކޮށްފައިވާ ކަމަށެވެ. އަދި މީގެ ސަބަބުން މުޅި އަހަރުގެ ނިސްބަތުން ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއްދީގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން މަސައްކަތް ކުރަމުންދަނީ ގެއްލުން މުޅި އަހަރުގެ ނިސްބަތުން ވީހާވެސް ކުޑަކުރުމަށް ކަމަށާއި މިދިޔަ އަހަރަކީ، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ލިބުނު އަހަރުކަމަށް ގަބޫލުކުރައްވާ ކަަމަށް ވިދާޅުވިއެވެ. އަދި އެއަށްފަހު ދަށްނުވެ ނުވަތަ އެއާއި ދާދި އެއްވަރަށް ނިސްބަތުން ހުެފހެއްޓިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރާ އަޅާބަލާއިރު ފަތުރުވެރިން އަންނަ މިންވަރު ދަށްވަމުންދިޔަ ރޭޓު މިހާރު ވަރަށް ބޮޑުތަނުން ކުޑަކުރެވިފައިވާ ކަމަށެވެ. އަދި މިދިޔަ އަހަރު ހާސިލުކުރި ޓާގެޓަށްވުރެ ދަށްނުވެ މިއަހަރު ނިންމާލެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށް ވެސް ވިދާޅުވިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގެ ރޫޓުތަކަށް ބަދަލު އައިސް، ދަތުރުކުރުމުގެ ޚަރަދުތައް ބޮޑުވުމަކީ ރާއްޖެ ފަދަ މަންޒިލުތަކަށް ފަތުރުވެރިން އައުމަށް އެޅުނު ހުރަހެކެވެ. ވަކިން ޚާއްސަކޮށް ޔޫރަޕުގެ މާކެޓުތަކުން ރާއްޖެއަށް އަންނަ ފްލައިޓުތަކުގެ ރޫޓުތަކަށް ބަދަލު އައުމާއި، ތެލުގެ އަގަށް އައި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އޭގެ ނޭދެވޭ އަސަރު ވަނީ ކޮށްފައެވެ.މީގެ އިތުރުން، މެދުއިރުމަތީގެ ޤައުމުތަކަކީ ރާއްޖެއަށް ފަތުރުވެރިން އަންނަ މުހިންމު މާކެޓުތަކަކަށް ވީހިނދު، އެ ސަރަހައްދުގެ ނުތަނަވަސްކަމުގެ ސަބަބުން އެ ޤައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ނަމަވެސް ސަރުކާރުން ވަނީ މާކެޓިންގެ އައު އުކުޅުތަކާއި، އެހެން މާކެޓުތަކަށް އަމާޒުކޮށްގެން ކުރި މަސައްކަތުން މި ގެއްލުންތައް ކުޑަކޮށް، ފަތުރުވެރިން އަންނަ މިންވަރު ދަށްނުވެ ހިފަހައްޓާފައެވެ.ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 1,198,343 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކުރި 1,256,306 ފަތުރުވެރިންނާއި އަޅާބަލާއިރު 4.6 އިންސައްތައިގެ ދަށްވުމެކެވެ. ނަމަވެސް މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އުޅެނީ، 1.4 އިންސައްތައިގެ ދަށްވުމެއްގައެވެ.





