
މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަކީ ހުރިހާ ޤައުމަކަށް އެއް ހަމައެއްގައި އޮންނަން ޖެހޭ ޙައްޤެއް: ރައީސް
# މިނިވަން ދުވަސް# ރައީސް މުއިއްޒުފޮޓޯ: ރައީސް އޮފީސް
މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަކީ ހުރިހާ ޤައުމަކަށް އެއް ހަމައެއްގައި އޮންނަން ޖެހޭ ޙައްޤެއް ކަމަށާ، އަދުގެ ސަރުކާރުން ތަންފީޒުކުރައްވާ ދިވެހިން އިސްކުރަނިވި ޚާރިޖީ ސިޔާސަތުގެ ކާމިޔާބީ، މިމިނިވަންދުވަހުގެ އިހުތިފާލުތަކުން ސާބިތުވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު އޮތް ރަސްމީ ޖަލްސާގައި، ދިވެހި ޤައުމާ މުޚާޠިބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ޚާރިޖީ ސިޔާސަތު ބައްޓަންކުރައްވާފައި އޮތް ގޮތަށް އަލިއަޅުއްވާލައްވާ ވަނީ ސިޔާސީ ގޮތުން ޤައުމަކަށް މިނިވަންކަން ލިބުމަކީ، ޤައުމެއް މިނިވަންކަމުގައި ޤަބޫލުފުޅުނުކުރައްވާ ކަމަށާއި ޚާރިޖީ މިނިވަންކަމަކީ އޭގެ އެއްބައިކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއީ ދިވެހީންގެ ރާއްޖެ ކަމަށާއި މި ރާއްޖޭގައި އިސްކުރެވެން ޖެހޭނީ ދިވެހީންގެ ސިޔާސަތު ކަމުގައި ވިދާޅުވިއެވެ.
މީގެއިތުރުން އަދުގެ ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހީންނަށް އިސްކަން ދިނުމުގެ ސިޔާސަތުތަކަން ތަކުރާރުކުރައްވާ، މި މޭރުމުން ދުނިޔޭގެ ކޮންމެ ޤައުމަކާއެކުވެސް ދިވެހިރާއްޖެއިން ގާތްގުޅުމެއް ދަމަހައްޓާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއީ ދިވެހީންގެ ހިތްތަކާ ގުޅިފައިވާ ފަލަސްޠީނު ރައްޔިތުންނާ ދެކޮޅަށް ޤަތުލުޢާންމު ހިންގަމުންދާ އިޒްރޭލު ފިޔަވާ އެހެން ޤައުމުތަކާކަން ރައީސުލްޖުމްހޫރިއްޔާ، ވަކީން ޚާއްޞަ ގޮތެއްގައި ފާހަގަކުރެއްވިއެވެ.
މީގެ ކުރިން، ޢަރަބި އިސްލާމީ ޤައުމުތަކާ ދުރުވެގަތުމުގެ ސިޔާސަތު ގެންގުޅުނު ކަމުގައި ވީ ނަމަވެސް، އެއީ ދިވެހީންނާ ދޯޅަ ގޮތެއް ނޫންކަމުގައި ރައީސް ވިދާޅުވިއެވެ. ދިވެހީންގެ ވިންދާއި، އިޙްސާސްތަކާ ގުޅޭ ޚާރިޖީ ސިޔާސަތަކީ، އެ ސިޔާސަތަކުން ދިވެހީންނަށް އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ސިޔާސަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޢަރަބި އިސްލާމީ ޤައުމުތަކާ ގާތް ގުޅުމެއް ދެމެހެއްޓުމާއެކު ދިވެހިރާއްޖެއަށް ފައިދާވާނެ ގޮތުގައި އެހީތެރިކަންދޭނެ ހުރިހާ ޤައުމުތަކާއެކު ގުޅުންތައް ބަދަހިކުރެވޭނެކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވިއެވެ.
ހަނގުރާމަތަކާއި އަނިޔާވެރިކަމަކީ ދިވެހީން ޤަބޫލުކުރާ ހަމަތަކެއް ނޫން ކަމަށާ، އަބަދުވެސް އިސްކުރާނީ ސުލްޙަ ކަމުގައި ފާހަގަކުރައްވާ، ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ސުލްޙަވެރިކަމާއެކު ކަންކަން ޙައްލުކުރުމަށް ގޮވާލައްވާފައެވެ. ޚިޔާލުތަފާތުވުންތައް މެދުވެރިވީނަމަވެސް، ކަނޑިބަޑިން އެކަމަކަށް ހޯދޭނެ ޙައްލެއް ނޯންނާނެ ކަމަށާއި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ބައްޓަވަނީ މި އަސާސްގެ މަތީގައިކަމުގައި ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ އެކިއެކި ޖަމުޢިއްޔާ އަދި ޖަމާޢަތްތަކާ ގުޅިފައިވާ ޤައުމެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ، ސައުތު އޭޝިއާ ރީޖަނަލް ކޯޕަރޭޝަން (ސާކް) ގެ މަސައްކަތްތައް މަޑުޖެހިފައި އޮތްއޮތުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ޚިޔާލުތަފާތުވުންތަކަކީ މަޝްވަރާކުރެވިގެން ހައްލު ހޯދޭނެ ކަމެއްކަމުގައި އަދުގެ ސަރުކާރުން ޤަބޫލުކުރާ ހިނދު، ސާކްގެ ބައްދަލުވުންތައް އަލުން ފަށައިގަތުމަށްޓަކައި، ސަރަޙައްދީ ސުލްޙަ އިސްކޮށް، މަޝްވަރާގެ މޭޒަށް މެންބަރު ޤައުމުތަކުން ހާޒިރުވުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖެއިން އިސްވެ ހަރަކާތްތެރިވުމަށް ތައްޔާރަށް އޮތްކަންވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.
ސާކްގެ އިތުރުންވެސް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ) އާއި ކޮމަންވެލްތު ފަދަ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ އަދި ޖަމާޢަތްތަކުގައި ދިވެހިރާއްޖެއިން އަދާކުރާ އިސްދައުރު، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހަމަމިއާއެކު ސަރަޙައްދީ މިނިވަންކަން ކަށަވަރުވެފައި އޮތުމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރީގެ ސަރުކާރުން ދޫކޮށްލާފައިވާ ދިވެހިރާއްޖޭގެ ޙައްޤު ސަރަޙައްދު ހޯއްދެއްވުމަށް މަސައްކަތްޕުޅުކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަދުވެސް ތަކުރާރުކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގެ ސަރަޙައްދީ މިނިވަންކަން ހިމާޔަތްކުރުމަށްޓަކައި ޤާނޫނީ އިމުގެ ތެރެއިންވެސް އިސްލާޙްތައް ގެނެސްދެއްވާކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ތަފްސީލީ ގޮތެއްގައި ފާހަގަކުރައްވާފައެވެ.
ގުޅުންހުރި

މިނިވަން ދުވަހުގެ މުނާސަބާގައި މިރޭ ހަވާ އަރުވާނެ

މިނިވަންކަމާއި އިސްތިޤުލާލާއި ސިޔާދަތަކީ ހުރިހާ ޤައުމަކަށް އެއް ހަމައެއްގައި އޮންނަން ޖެހޭ ޙައްޤެއް: ރައީސް

މިނިވަންކަން ދެމެހެއްޓުމަށް ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުން މުހިންމު: މެޑަމް ސާޖިދާ




