
ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގެންފި
# ފޮރިން މިނިސްޓަރ# ބަންގްލަދޭޝް - ރާއްޖެ# ފޮރިން މިނިސްޓްރީ# ބަންގްލަދޭޝްފޮޓޯ: މިނިސްޓްރީ
ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު ހިޒް އެކްސަލަންސީ ޑރ. ޚަލީލުއްރަޙްމާން، ރަސްމީ ދަތުރުފުޅެއްގައި ދިވެހިރާއްޖެއަށް މިއަދު ވަޑައިގެންފިއެވެ.

އެ މަނިކުފާނުގެ މި ދަތުރުފުޅަކީ، ރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ދެއްވި ދަޢުވަތުފުޅު ޤަބޫލު ކުރައްވައި، މިހިނގާ ޖުލައި މަހުގެ 25 އިން 27 ގެ ނިޔަލަށް އެ މަނިކުފާނު ދިވެހިރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުން އެ މަނިކުފާނަށް މަރްޙަބާ ވިދާޅުވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އެވެ.
ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި، ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުންތަކުގެ މަޝްވަރާތައް ބިނާކުރެވޭނީ ރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް އެކުވެރި ގުޅުމުގެ މައްޗަށާއި، މި ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރެވޭނޭ ގޮތްތަކާއި، ދެ ޤައުމުން އިސްކަންދޭ ކަންތައްތަކުގައި ގުޅުން ބަދަހިކުރުމަށް ކުރެވިދާނެ މަސައްކަތްތަކުގެ މައްޗަށެވެ.
މީގެ އިތުރުން، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ މައްސަލަތަކާއި ގުޅޭގޮތުން ޚިޔާލުފުޅު ބަދަލުކުރައްވައި، މިފަދަ މައްސަލަތަކުގައި ދެ ޤައުމުން ގުޅިގެން ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާ ކުރެއްވުމަށްވަނީ ހަމަޖެހިފަ އެވެ.
މި ދަތުރުފުޅަކީ 17 ފެބްރުއަރީ 2026 ގައި ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މަޤާމާއި ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝް އާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. އަދި މުސްތަޤްބަލުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކޮށް ހަރުދަނާ ކުރުމަށް މަގުފަހިވެގެންދާނޭ ދަތުރުފުޅެކެވެ.
ގުޅުންހުރި
ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ބަންގްލަދޭޝް ގެ ޚާރިޖީ ވަޒީރު މިއަދު ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ހިލޭ އެހީގެ ދަށުން 42 ރަށެއްގެ ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށް އެއްބަސްވުމެއް!




