logoEN
WAMCO TOP 1
އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދަންޖެހޭ - ރާއްޖެ

އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަދަންޖެހޭ - ރާއްޖެ

އަހުމަދު ޝުރާއު

logo

7/19/2026, 9:45:11 AM

# ފޮރިން މިނިސްޓްރީ# ފަލަސްތީން

-

ޔޫނައިޓެޑް ވެޝަންސް ކޮމިޓީ އޮން ދަ އެކްސަރސައިޒް އޮފް ދަ އިނޭލިއަނަބަލް ރައިޓްސް އޮފް ދަ ޕަލަސްޓިނިއަން ޕީޕަލް (ސީއީއައިއާރްޕީޕީ) އާއި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގުޅިގެން މިސްރުގެ ކައިރޯގައި މިއަދު ބޭއްވި 2026 ވަނަ އަހަރުގެ ގުދުސް ކޮންފަރެންސްގައި ދިވެހިރާއްޖެއިން ބައިވެރިވެ، ފަލަސްޠީނުގެ ހައްގުގައި އަޑުއުފުލައިފިއެވެ.

THE TRAVELLER AD

"ޖެރޫސަލަމް: ދަ ފްރޮންޓްލައިން އޮފް ޑިސްޕްލޭސްމަންޓް އެންޑް އެނެކްސޭޝަން އެންޑް ދަ ކީ ޓޫ ޖަސްޓް އެންޑް ލާސްޓިންގ ޕީސް" ގެ ނަމުގައި ބޭއްވި މި މަހާސިންތާގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ތަޤްރީރުކުރެއްވީ އޯއައިސީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، އަދި ސައޫދީ އަރަބިއްޔާގެ ސަފީރު އަޙްމަދު ސަރީރެވެ.

މި ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރާއްޖެއިން ވަނީ އިސްރާއީލުގެ ލާނުސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ލޮބުވެތި ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތި ހާލަތަށް އަލިއަޅުވާލާފައެވެ. އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުންތަކާ ކަނޑައެޅިގެން ޚިލާފަށް، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމަށް އިސްރާއީލުން ކުރަމުންދާ ހުރިހާ މަސައްކަތްތަކެއް މިހާރުން މިހާރަށް ހުއްޓާލުމަށް ރާއްޖެއިން ވަނީ ހަރުކަށި އިބާރާތުން ގޮވާލާފައެވެ. މީގެ އިތުރުން، ޔުނައިޓަޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އެޖެންސީ (އަންރުވާ) އިން ފަލަސްޠީނުގެ ރެފިއުޖީންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ މުހިންމުކަން ފާހަގަކޮށް، އެ އެޖެންސީގެ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ދުނިޔޭގެ ޤައުމުތަކުން ފޯރުކޮށްދިނުމަށް ވެސް ރާއްޖެއިން ބާރުއެޅިއެވެ.

ރާއްޖޭގެ ތަޤްރީރުގައި އިތުރަށް ބަޔާންކުރި ގޮތުގައި، މުގައްދަސް ރަށެއް ކަމަށްވާ ގުދުސްގެ ޤާނޫނީ ހައިސިއްޔަތާއި ތާރީޚީ އަދި ދީނީ މުހިންމުކަން ހަގީގީ ގޮތެއްގައި ހިމާޔަތްކުރެވޭނީ އިސްރާއީލުގެ އިސްތިއުމާރު އެއްކޮށް ނިމުމަކަށް ގެނެސްގެންނެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ހަމަޖައްސައި، ފަލަސްޠީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްގެ ގޮތުގައި އޮތުމުގެ ޙައްޤު ބައިނަލްއަޤްވާމީ މުޖުތަމަޢުން ފުރިހަމައަށް ބަލައިގަނެގެން ކަމަށްވެސް ރާއްޖެއިން ފާހަގަކުރިއެވެ.

މި ކޮންފަރެންސް އިންތިޒާމުކުރި ސީއީއައިއާރްޕީޕީ އަކީ 1975 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޤަރާރު ނަންބަރު 3376 ގެ ދަށުން ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހިމާޔަތްކުރުމަށް އުފެއްދި ޚާއްސަ ކޮމިޓީއެކެވެ. މިދިޔަ 2025 ވަނަ އަހަރުގެ ޖުލައި މަހު ސެނެގާލްގައި މި ކޮންފަރެންސް ބާއްވާފައިވާއިރު، ފަލަސްޠީނުގެ ބައިނަލްއަޤްވާމީ ޙައްޤުތައް ހޯދައިދިނުމަށް އަޑުއުފުލާ އިތުބާރުހުރި ބައިވެރިއެއްގެ ގޮތުންނާއި، އޯއައިސީގެ ހީވާގި މެންބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން އަންނަނީ މި ބައްދަލުވުންތަކުގައި ސިލްސިލާކޮށް ބައިވެރިވެ ވަކާލާތުކުރަމުންނެވެ.

ކޮމެންޓް
ފަހުގެ
HDC