
ޓެކްނޮލޮޖީއާއި ޑޭޓާގެ އެހީގައި މާލޭގެ ހިންގުން ހަރުދަނާކުރަން ޗައިނާގެ ޖޮންގުއަންކުން ކުންފުންޏާއެކު މަޝްވަރާކޮށްފި
# މާލެ ސިޓީ ކައުންސިލް-
މާލެ ސިޓީއަކީ ޒަމާނީ ސްމާޓް ސިޓީއަކަށް ބަދަލުކުރުމާ ގުޅޭގޮތުން، ޗައިނާގެ ބެއިޖިންގެ ޖޮންގުއަންކުން ސްމާޓް ސިޓީ ކޯ ލިމިޓެޑްގެ މަންދޫބުންނާއެކު މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ޚާއްޞަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.

އޮންލައިންކޮށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ، ސިޓީގެ ތަރައްޤީއަށް ގެނެވިދާނެ ޒަމާނީ ބަދަލުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އެގޮތުން، ސްމާޓް ސިޓީ އިނޮވޭޝަނާއި، ސިޓީތަކަށް ގެނެވޭނެ ޒަމާނީ ބަދަލުތަކުގެ އިތުރުން، ޓެކްނޮލޮޖީއާއި ޑޭޓާގެ އެހީގައި ހިންގާ ގަވަރނަންސް ނިޒާމުތަކުގެ ބޭނުން ހިފައިގެން މާލެ ސިޓީގެ ހިންގުން ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ފަރާތުން ޚިޔާލު ބަދަލުކުރެއްވިއެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުޞޫލުތަކުގެ އަލީގައި މާލެ ސިޓީއަކީ ސްމާޓް، ދެމެހެއްޓެނިވި އަދި ވިލުންތެރި ސިޓީއަކަށް ހެދުމަށް ކުރެވިދާނެ މަސައްކަތްތަކަށް މި ބައްދަލުވުމުގައި އަލިއަޅުވައިލާފައިވެއެވެ. މިއީ މާލެ ސިޓީގެ ތަރައްޤީއަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދެނެގަތުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.
މޭޔަރު އާދަމް ޢާޒިމްގެ މި އިސްނެންގެވުމާއެކު، މާލޭގެ ހިންގުން ޑިޖިޓަލައިޒްކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަ ކުރުމަކީ މި މަޝްވަރާތަކުގެ މައިގަނޑު އެއް މަޤުޞަދެވެ. އަދި ކުރިމަގުގައި ޖޮންގުއަންކުން ސްމާޓް ސިޓީ ކޯ ލިމިޓެޑާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.
މި ބައްދަލުވުމުގައި މޭޔަރު އާޒިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިސްމާޢީލް ހަލީމާއި، ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ރަޝީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ގުޅުންހުރި

ޓެކްނޮލޮޖީއާއި ޑޭޓާގެ އެހީގައި މާލޭގެ ހިންގުން ހަރުދަނާކުރަން ޗައިނާގެ ޖޮންގުއަންކުން ކުންފުންޏާއެކު މަޝްވަރާކޮށްފި

މާލޭގައި އުޅޭ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރަން ކައުންސިލްތަކަށް ހިލޭ ޖާގަ ދޭން ނިންމައިފި

އަމާޒަކީ ހިނގާބިނގާވެ އުޅެވޭ، ފިނި، އަދި ރައްކާތެރި ސިޓީއަކަށް މާލެ ހެދުން - ޢާޒިމް




