
އެންމެ އާދައިގެ މީހާއަށް އިހްތިރާމް ނުކުރެވޭ ނަމަ އެއީ ލީޑަރެއްގެ ގޮތުން ފެއިލްވުން: މޭޔަރ ޢާޒިމް
# މާލެ ސިޓީ ކައުންސިލް-
ލީޑަރުންނަކީ ހަމައެކަނި ލީޑް ކުރާ ބައެއް ނޫން ކަމަށާއި، އެއީ އެހެން މީހުންގެ ފަހަތުން ފޮލޯ ވެސް ކުރަން ޖެހޭ ބައެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިސް ވެރިންނާއި ކައުންސިލަރުންނަށް އަމާޒުކޮށްގެން މިއަދު މީރުމާ ހޮޓަލުގައި ކުރިއަށް ގެންދިޔަ "ކަލްޗަރ އެންޑް ސަރވިސް އެކްސެލެންސ މާސްޓަރކްލާސް" ތަމްރީނު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޝްހޫރު މޯޓިވޭޝަނަލް ސްޕީކަރު އަފީފް ހުސައިން ނަގައިދެއްވި މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، ލީޑަރެއްގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިންމު ދެ އަސާސަކީ ލީޑް ކުރުމާއި ފޮލޯ ކުރުން ކަމަށެވެ. އަދި ލީޑަރަކީ އަނެކާއަށް ވުރެ މަތީ މީހެއް ކަމަށް ދެކިގެން އުޅުމަކީ ލީޑަރެއްގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫން ކަމަށް ވެސް ޢާޒިމް ފާހަގަކުރެއްވިއެވެ.
މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ލީޑަރޝިޕްގެ މުހިންމު އަސާސްތަކަށް ބާރުއަޅުއްވަމުން ވިދާޅުވީ މީހާ މަގާމުގެ ގޮތުން މައްޗަށް ދާވަރަކަށް ތިރީގައި ވެސް ހުންނަން ދަސްކުރަން ޖެހޭނެ ކަމަށާއި، ކޮންމެ ފަންތިއެއްގެ މީހަކަށްމެ އިހްތިރާމް ކުރަން ދަސްކުރަން ޖެހޭނެ ކަމަށެވެ. އަދި މުޖުތަމައެއް ނުވަތަ ކުންފުންޏެއްގައި އުޅޭ އެންމެ އާދައިގެ މީހާއަކީ އެންމެ މުހިންމު މީހާ ކަމަށް ދެނެގަންނަން ޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިގޮތުން ތަނެއްގެ މަސައްކަތު މީހާއަކީ އެންމެ މުހިންމު މީހާ ކަމަށް ދެކެން ޖެހޭނެ ކަމަށާއި، އޭނާއަށް އެންމެ ބޮޑު އިހްތިރާމެއް ނުދެވޭ ނަމަ އެއީ ލީޑަރެއްގެ ގޮތުން ފެއިލްވުން ކަމަށް ވެސް މޭޔަރ ޢާޒިމް ބަޔާންކުރެއްވިއެވެ.
މީގެ އިތުރުން، އަމާނާތްތެރިކަމާއި، އިހްތިރާމާއި، މެދުނުކެނޑި ހިދުމަތްތައް ތަރައްގީކޮށް ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމަކީ ރައްޔިތުންގެ އިތުބާރު ހޯދުމަށާއި ލޯކަލް ގަވަރނަންސް ވަރުގަދަކުރުމަށް އޮތް އެންމެ މުހިންމު މަގުކަން މޭޔަރ ޢާޒިމް ފާހަގަކުރެއްވިއެވެ. މިފަދަ ތަމްރީނުތަކުގެ ސަބަބުން މުވައްޒަފުންގެ ވިސްނުމާއި ފިކުރު އެއްގޮތްވެ، އެންމެން އެކުގައި މަސައްކަތް ކުރަން ދަސްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މި ތަމްރީނު ޕްރޮގްރާމް ނިންމުމަށްފަހު، ސެޝަން ނަގައިދެއްވި އަފީފް ހުސައިންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ވަނީ އޭނާއަށް ހަދާނީ ފިލައެއް އަރުވާފައެވެ. މޭޔަރ ޢާޒިމް ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ވެސް މުވައްޒަފުންގެ ފެންވަރު މަތިކުރުމަށް މިފަދަ ބޭނުންތެރި ސެޝަންތައް ކައުންސިލުން ކުރިއަށް ގެންދާނެއެވެ.
ގުޅުންހުރި

އެންމެ އާދައިގެ މީހާއަށް އިހްތިރާމް ނުކުރެވޭ ނަމަ އެއީ ލީޑަރެއްގެ ގޮތުން ފެއިލްވުން: މޭޔަރ ޢާޒިމް

ޚާއްސަ ސަމާލުކަމެއް ދީގެން މަދިރި ކޮންޓްރޯލް ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި
ހުއްދަ ނުހޯދާ މަސައްކަތްކުރި ބަޔަކު ޖޫރިމަނާކޮށްފި




