
އެޗްއާރްސީއެމް-ސީއެސްއޯ ޕާޓްނާޝިޕް ފޯރަމްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް
ހިއުމަން ރައިޓްސް ކޮމިޝަނުން ބާއްވާ، އެޗްއާރްސީއެމް- ސީއެސްއޯ ޕާޓްނާޝިޕް ފޯރަމް ފަށައިފި އެވެ.

ކޮންމެ އަހަރަކު ވަކި ޝިއާރެއްގެ މައްޗަށް ކުރިއަށްގެންދާ މި ފޯރަމުގެ މި އަހަރުގެ ޝިއާރަކީ "އޮކިޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ" އެވެ.
މި އަހަރުގެ ފޯރަމް ކުރިއަށްގެންދަނީ 1 ދުވަހުގެ މުއްދަތަކަށް، ދިވެހިރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވައި ހިމާޔަތްކުރުމުގައި ޝާމިލްވާ މަދަނީ ޖަމްޢިއްޔާތަކާއެކުގަ އެވެ. އަދި މި ފޯރަމްގައި 30 ފަރާތަކުން ބައިވެރިވެފައި ވެއެވެ.
އެޗްއާރުސީއެމުން ބުނީ މިއީ މަސައްކަތުގެ މާހައުލުމުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމާއި މެދު މައުލޫމާތު ބަދަލުކުރެވި، އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކާއި އެކުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމަށް ކުރެވިދާނެ ކަންކަމާއި މެދު މަޝްވަރާކުރަން ލިބުނު ފުރުސަތެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޗްއާރުސީއެމްގެ ނައިބު ރައީސް މުހައްމަދު ޝަފީޤު މަޙްމޫދު ވިދާޅުވީ މި އަހަރުގެ ފޯރަމު މެދުވެރިކޮށް ސީއެސްއޯތަކާއި ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާއިރު، ކުރީ ފޯރަމްތަކުގައި ނިޒާމީ ގޮތުން ރަނގަޅުކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް އެކިއެކި ދާއިރާތަކުން ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް މަގުފަހިވެގެންގޮސްފައިވާ ކަމަށެވެ.
"އެޗްއާރުސީއެމްގެ އެއް މަގްސަދަކީ ސީއެސްއޯތަކަށް އެހީއާއި އެއްބާރުލުން ދިނުން. މަސައްކަތުގެ މާހައުލުގައި ދިމާވާ ގޮންޖެހުންތަކުގެ އަޑުތައް މިހާރު ވަނީ ގަދަވެފައި. އެއާއިގުޅޭ ގާނޫނަށްވެސް ވުޖޫދެއް އެބައޮތް. މިހާރު މިއޮތީ އެންމެން ހޭލުންތެރި ކުރުމުގެ މަސައްކަތް އަޅުގަނޑުމެންނާއި ޖެހިފައި." އެޗްއާރުސީއެމްގެ ނައިބު ރައީސް ވިދާޅުވި އެވެ.
މި ފޯރަމްގައި ރާއްޖޭގެ މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ގުޅުން ހުރި އަދާހަމަތައް ހިއްސާ ކުރުމާއި، މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަމާއި ގުޅުންހުރި ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފަ އެވެ. އަދި މުވައްޒަފުންގެ ރައްކާތެރިކަމާއި މެދު ވިސްލް ބްލޯވާ ޕްރޮޓެކްޝަން ޔުނިޓުން މައުލޫމާތު ދިނުމާއި، ޖަމިއްޔާ ޖަމާއަތްތަކާއެކު ގުޅުން ބަދަހިކުރުންވެސް ހިމެނެ އެވެ.
މިއީ މިއަހަރުގައި ބާއްވާ ފުރަތަމަ ފޯރަމަށްވާއިރު، ސީއެސްއޯތަކާ ގުޅިގެން ތީމެޓިކް ދާއިރާތަކުން 4 ފޯރަމް މިއަހަރުގެ ތެރޭގައި ބާއްވާނެކަމަށް އެޗްއާރްސީއެމުން ބުނެފައިވެ އެވެ.
މި ފޯރަމްތައް 2023 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދެ އެވެ.
ގުޅުންހުރި

އެޗްއާރްސީއެމް-ސީއެސްއޯ ޕާޓްނާޝިޕް ފޯރަމް ފަށައިފި

ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި

އެމްޑީޕީގެ ދެ އެކްޓިވިސްޓެއްގެ ގަޔަކަށް ކަޅު ތެޔޮ ޖެހި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި




