
ޙަޤީޤީ ބަދަލެއް އަންނާނީ ޑިޖިޓަލް ސުލޫކާއި އިތުބާރު ހުރެ، ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރަން އެނގިގެން - އިހްސާން
# މިނިސްޓަރ އަލީ އިހްސާން-
ހަމައެކަނި ޓެކްނޮލޮޖީގެ ވަސީލަތްތައް ޤާއިމުކޮށްގެން ޤައުމަކަށް ޙަޤީޤީ ބަދަލެއް ނުގެނެވޭނެ ކަމަށާއި، ޤައުމަށް ކުރެވޭނެ އެންމެ ބޮޑު އިންވެސްޓްމެންޓަކީ ޑިޖިޓަލީ ޤާބިލު ރައްޔިތުން އުފެއްދުން ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީ އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ "ޑިޖިޓަލް ފޯރ އޯލް" ކެމްޕޭން އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އިޙްސާންގެ ވާހަކަފުޅުގައި، އޭއައި އާއި ޑިޖިޓަލް ޓެކްނޮލޮޖީގެ ސަބަބުން ރައްޔިތުން ދިރިއުޅޭ ގޮތާއި، މަސައްކަތްކުރާގޮތާއި، މުޢާމަލާތްކުރާ ގޮތް މުޅިން ބަދަލުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ކޮންމެ ވިޔަފާރިއަކާއި ދައުލަތުގެ ހިންގުމުގެ ނިޒާމުވެސް ޑިޖިޓަލްވަމުންދާއިރު، މިއަދު އޮތް އެންމެ މުހިންމު ސުވާލަކީ ޓެކްނޮލޮޖީއަށް ބަވަނަވެފައިވާ ދުނިޔެއެއްގައި ދިވެހި ރައްޔިތުން ތިބީ އޭގެ ނަފާ ލިބިގަންނަން ތައްޔާރަށްތޯ ކުރެވޭ ސުވާލު ކަމަށް އިޙްސާން ވިދާޅުވިއެވެ.
ކޮންމެ ރަށަކަށް ކޭބަލް އަޅައި، 5ޖީ ކަނެކްޓިވިޓީއާއި ޑިޖިޓަލް ޕޭމަންޓް ނިޒާމުތައް ޤާއިމުކޮށްދިން ނަމަވެސް، އެ ވަސީލަތްތައް އުފެއްދުންތެރި ގޮތެއްގައި ބޭނުންކުރާނެ އިތުބާރާއި ހުނަރު ރައްޔިތުންގެ ކިބައިގައި ނެތްނަމަ އެކަމުން ކުރާނެ ފައިދާއެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ޙަޤީޤީ ބަދަލެއް އަންނާނީ ރައްޔިތުންގެ ކިބައިގައި ޑިޖިޓަލް ސުލޫކާއި އިތުބާރު ހުރެ، އަލަށް އަންނަ ޓެކްނޮލޮޖީތައް ރައްކާތެރިކަމާއެކު ބޭނުންކުރަން އެނގިގެން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިންފްރާސްޓްރަކްޗަރއިން ރަށްތައް ގުޅުވައިދިން ނަމަވެސް، އަށަގަނެވޭ ޤާބިލިއްޔަތުގެ ސަބަބުން ރައްޔިތުން ފުރުޞަތުތަކާ ގުޅުވައިދިނުމަށް އެތައް މަގުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.
އެހެންކަމުން އެއްވެސް ފަރާތެއް ބާކީނުކޮށް، މި ހުނަރުތައް އުނގަންނައިދީގެން ޤައުމު ކުރިއަށްގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރު އެދިވަޑައިގެންނެވިއެވެ.
ގުޅުންހުރި

ޙަޤީޤީ ބަދަލެއް އަންނާނީ ޑިޖިޓަލް ސުލޫކާއި އިތުބާރު ހުރެ، ޓެކްނޮލޮޖީ ރައްކާތެރިކަމާއެކު ބޭނުންކުރަން އެނގިގެން - އިހްސާން
ކަސްޓަމްސްގެ މަސައްކަތް ބައްޓަންވެގެންދާނީ މިހާރަށްވުރެ ޑިޖިޓަލްކޮށް- މިނިސްޓަރު

ސަރުކާރުގެ އަމާޒަކީ ރީއިންޓަރގްރޭޓް ވުމުގެ ފުރުސަތު ހޯދައިދިނުން: އިޙްސާން




