
ސޯމާލިޔާ، ފީޖީ، ކޮސޯވާ އަދި ސްލޮވޭނިއާގެ އައު ސަފީރުން، ރައީސް އަށް ފަތްކޮޅު އަރުވައިފި
# ފީޖީ# ރައީސް މުއިއްޒު# ސޯމާލިއާ# ކޮސޯވޯ# ސްލޮވީނިއާފޮޓޯ: ރައީސް އޮފީސް
ސޯމާލިޔާ، ފީޖީ، ކޮސޯވާ އަދި ސްލޮވޭނިއާގެ އައު ސަފީރުން، އެފަރާތްތަކުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަށް އަރުވައިފިއެވެ.

ވަކިވަކިން މި ރަސްމިއްޔާތުތައް ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނުއެވެ. މި ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.
ސްލޮވޭނިއާގެ އައު ސަފީރު ހިޒް އެކްސަލަންސީ ތޮމާޝް މެންސިން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އެއަށްފަހު، އައު ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެޤައުމުން އިސްކަންދޭ ދާއިރާތަކުގެ ތެރޭގައި ހިމެނޭ، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީފަދަ ކަންކަމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް ޢަޒުމް އައުކުރައްވާފައިވެއެވެ.
ދިވެހިރާއްޖެއާއި ސްލޮވީނިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރެވުނީ 4 މާރިޗު 1996 ގައެވެ.

ފިޖީގެ އައު ސަފީރު ހިޒް އެކްސެލަންސީ ޖަގަންނާތު ސާމީ، ފަތްކޮޅު އެރުވުމަށްފަހު ބޭއްވެވުމަށްފަހު، ދިވެހިރާއްޖެއާއި ފީޖީއާ ދެމެދުގައި އޮތް ޒަމާންވީ ގުޅުން މިހާރަށްވުރެ ބަދަހިކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ދެބޭފުޅުން ވެސް ކަށަވަރުކޮށްދެއްވިއެވެ. އަދި ވަނީ ފަތުރުވެރިކަމާއި، މޫސުމީ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން، ދެ ޤައުމުގެ ފައިދާއަށްޓަކައި ގުޅިގެން މަސައްކަތްކުރެއްވުމަށާއި، ސަރަޙައްދީ އަދި ބައިނަލްއަޤުވާމީ މައިދާންތަކުގައި އެއްބާރުލުން އިތުރުކުރެއްވުމުގެ ޝައުޤުވެރިކަން ދެބޭފުޅުން ވެސް ހާމަކުރެއްވިއެވެ.
ދިވެހިރާއްޖެއާއި ފީޖީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1988 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހުގައެވެ.
.jpg&w=3840&q=75)
ފެޑަރަލް ރިޕަބްލިކް އޮފް ސޯމާލިޔާގެ އައު ސަފީރު، ހިޒް އެކްސަލަންސީ އާއެކު ބައްދަލުކުރައްވާ ދެބޭފުޅުން ވަނީ ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި، ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެބޭފުޅުންވެސް އެއްބަސްވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖެއާއި ސޯމާލިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ 10 މާރިޗު 1988 ގައެވެ.
ކޮސޯވޯ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސެލަންސީ ލޫލްޒީމް ޕްލާނާ، ރައީސް އާ ބައްދަލުކުރައްވާ ވަނީ ކޮސޯވޯ ސަރުކާރުން ދިވެހިރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދެއްވަމުންގެންދަވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ތަޢުލީމީ ދާއިރާއާއި، ޒުވާނުންގެ ތަރައްޤީއާއި، ފަތުރުވެރިކަމާއި، ވިޔަފާރީގެ އިތުރުން ދެޤައުމުގެ މަސްލަހަތު ހިއްސާކުރާ އެހެނިހެން ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު މަޝްވަރާކުރެއްވިއެވެ.
މީގެއިތުރުން، އެއް ޤައުމުން އަނެއް ޤައުމަށް ދެމުންގެންދާ އެއްބާރުލުން، ދެމެހެއްޓެނިވި ޢަމަލީ ނަތީޖާތަކަކަށް ބަދަލުކުރެއްވުމަށް މަސައްކަތްކުރެއްވުމުގެ ޢަޒުމް ދެބޭފުޅުން ވަނީ އައުކުރައްވާފައެވެ.
ދިވެހިރާއްޖެއާއި ކޮސޯވޯއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 2009 ވަނަ އަހަރުގެ އެޕްރީލް މަހުގެ 15 ވަނަ ދުވަހުގައެވެ.





