
-
އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ އަސާމަށް އަސްކަރީ މަތިންދާބޯޓެއް ވެއްޓި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، އެ ޤައުމުގެ އެއަރ ފޯސްގެ ފަސް ސިފައިން މަރުވެއްޖެ ކަމަށް އިންޑިއާގެ އޮފިޝަލުން ހާމަކޮށްފި އެވެ.

ވެއްޓިފައިވަނީ އިންޑިއާގެ ވައިގެ ސިފައިން ބޭނުންކުރާ އެންޓޮނޯވް އޭއެން-32 (Antonov An-32) މަރުކާގެ މުދާ އުފުލާ ކާގޯ ބޯޓެކެވެ.
އިންޑިއަން އެއަރ ފޯސްއިން ހޮނިހިރު ދުވަހު ނެރުނު ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ އަސާމްގެ ޖޯރްހާތު ސަރަޙައްދުގައި އެ ބޯޓުން އާދައިގެ މަތިން ކުރިޔަށްގެންދިޔަ "ރޫޓިން ސޯޓީ" ނުވަތަ ތަމްރީނު ދަތުރެއްގެ ތެރެއިން ކަމަށެވެ. ބޯޓު ވެއްޓެން ދިމާވި ސީދާ ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ވައިގެ ސިފައިންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ބޯޓު ވެއްޓުނު ސަރަޙައްދު ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ މަސައްކަތާއި، ހާދިސާއާ ގުޅިގެން ތަޙުޤީޤުތައް މިހާރު އެ ސަރަޙައްދުގައި ކުރިއަށްދާ ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ޚާއްޞަ ބޯޑު އޮފް އިންކުއަރީއެއް ހަދައި، މައްސަލަ ވަރަށް ފުންކޮށް ބަލަމުންދާ ކަމަށްވެސް އެއަރ ފޯސްއިން ބުނެއެވެ.
އޭއެން-32 މަރުކާގެ ބޯޓުތަކަކީ އިންޑިއާގެ އަސްކަރިއްޔާއިން ދަތުރުފަތުރަށާއި މުދާ އުފުލުމަށް ގިނަ ދުވަސްތަކެއް ވަންދެން ބޭނުންކުރަމުންދާ ބޯޓުތަކެކެވެ. މި ހާދިސާއާ ގުޅިގެން އިންޑިއާގެ ދިފާޢީ ވުޒާރާއިންނާއި އިސް ވެރިން ދަނީ މަރުވި ސިފައިންގެ އާއިލާތަކަށް ތަޢުޒިޔާ ފޮނުވަމުންނެވެ.
ގުޅުންހުރި

އިންޑިއާގެ އަސްކަރީ ބޯޓެއް ވެއްޓި، އެއަރ ފޯސްގެ 5 ސިފައިން މަރުވެއްޖެ

ޓެމިލް ނާޑޫގެ ސިޔާސީ އޮއިވަރު ބަދަލުކޮށްލައި، ފިލްމީ ތަރި ވިޖޭގެ ޕާޓީން ތާރީހީ ކާމިޔާބީއެއް ހޯދައިފި

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބާރުގަދަ ގޮވުމެއް: މިހާތަނަށް 8 މަރު!




