logoEN
WAMCO TOP 1
"އެއަރ ކާގޯ ޗައިނާ 2026" ގައި އެމްއޭސީއެލްއިން ބައިވެރިވެ ވީއައިއޭގެ ކާގޯ ޚިދުމަތްތައް ދައްކާލައިފި

"އެއަރ ކާގޯ ޗައިނާ 2026" ގައި އެމްއޭސީއެލްއިން ބައިވެރިވެ ވީއައިއޭގެ ކާގޯ ޚިދުމަތްތައް ދައްކާލައިފި

އަހުމަދު ޝުރާއު

logo

7/21/2026, 3:14:51 PM

# އެމްއޭސީއެލް

-

ޗައިނާގެ ޝަންހާއީގައި ބޭއްވި "އެއަރ ކާގޯ ޗައިނާ 2026" މައުރަޒުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު (ވީއައިއޭ) ގެ ކާގޯ ޚިދުމަތްތަކަށް ލިބެމުންދާ ތަރުހީބާއި ކުރިއެރުންތައް ދައްކާލައިފިއެވެ.

THE TRAVELLER AD

މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވީއައިއޭއަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

މި ފެއަރގެ ހަވާސާގައި ދުނިޔޭގެ އެކި އެއަރލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކާއި ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާއެކު އެމްއޭސީއެލްއިން ވަނީ މަޝްވަރާ ބައްދަލުވުންތައް ބާއްވާފައެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވީއައިއޭއާއި އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމަށާއި، ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކުރުމުގެ އިތުރުން ޔޫރަޕާއި، އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމުގެ މައްޗަށެވެ.

ވީއައިއޭއަކީ މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެކެވެ. މިއީ އެއަރޕޯޓު އޮތް ޖިއޮގްރަފިކަލް މަގާމާއި، ފުޅާވަމުންދާ އެއަރލައިން ނެޓްވޯކްގެ އިތުރުން ތައާރަފްކުރެވިފައިވާ މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކުގެ ނަތީޖާއެވެ.

ކާގޯ އޮޕަރޭޝަންތަކުގެ މުހިންމު ތަފާސްހިސާބުތައް:
  1. ޖުމްލަ ކާގޯ: 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައިވެއެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5% ގެ ކުރިއެރުމެކެވެ.
  2. ޓްރާންސްޝިޕްމަންޓް ކާގޯ: 7,982 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ އުފުލާފައިވާއިރު، މިއީ 15% ގެ އިތުރުވުމެކެވެ.
  3. ފްރައިޓަރ ފްލައިޓްތައް: 358 ފްލައިޓެއްގައި 2,925 ޓަނުގެ މުދާ އުފުލާފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 174% ގެ ބޮޑު ކުރިއެރުމެކެވެ.
  4. އާ ރެކޯޑެއް: 2026 ޖުލައި 12 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަރޕޯޓުގެ ތާރީޚުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހަށް ބަލާއިރު، ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވި ގައުމުތަކުގެ ތެރެއިން އެއްވަނައިގައި ސްރީލަންކާ އޮތްއިރު ދެވަނަ ލިބެނީ ޗައިނާއަށެވެ. އަދި ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ. އެއީ ގާތްގަނޑަކަށް 1,618 ޓަނުގެ މުދަލެވެ.

ވީއައިއޭއިން ފޯރުކޮށްދޭ "ސީ-ޓޫ-އެއަރ" ޚިދުމަތަކީ މި ދާއިރާ ކުރިއެރުވުމަށް އެހީތެރިވެދޭ މުހިންމު ވަސީލަތެކެވެ. 2024 ވަނަ އަހަރު މި ޚިދުމަތް ފެށި ފަހުން، 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ޔޫރަޕާއި އުތުރު އެމެރިކާގެ މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.

އެމްއޭސީއެލްއިން ލަފާކުރާ ގޮތުގައި 2026 އަދި 2027 ވަނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށިގެންދާނެއެވެ. މި ކުރިއެރުންތަކާއެކު، ވީއައިއޭއަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެ ކަމަށް އެ ކުންފުނިން ދެކެއެވެ.

ކޮމެންޓް
ފަހުގެ
HDC