
ޓްރެވެލް + ލެޝަރ އެވޯޑްސްގައި ރާއްޖޭގެ ބާރޮސްއަށް ބައިނަލްއަޤްވާމީ ބޮޑު ކާމިޔާބީއެއް!
# ވިސިޓް މޯލްޑިވްސް ކޯޕަރޭޝަން-
މަޝްހޫރު "ޓްރެވެލް + ލެޝަރ" މެގަޒިންގެ "ވޯލްޑްސް ބެސްޓް އެވޯޑްސް 2026" ގައި ދުނިޔޭގެ 2 ވަނައަށް އެންމެ މޮޅު ރިޒޯޓުގެ މަޤާމާއި، އޭޝިޔާ ސަރަޙައްދުގެ އެންމެ މޮޅު ރިޒޯޓުގެ މަޤާމު ބާރޮސް މޯލްޑިވްސްއިން ހޯދައިފިއެވެ.

މި އެވޯޑަކީ އެ މެގަޒިން ކިޔާ ގިނަ ޢަދަދެއްގެ ފަތުރުވެރިންގެ ވޯޓުން ދެވޭ އެވޯޑެކެވެ. 31 އަހަރުވީ މި ޝަރަފުވެރި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ އެންމެ އަގުހުރި އެއް އެވޯޑެވެ.
1973 ވަނަ އަހަރު ހުޅުވި ބާރޮސްއިން ފާއިތުވި ފަންސާހަކަށް އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ މި ކާމިޔާބީއަކީ އެ ރިޒޯޓުން ފޯރުކޮށްދޭ މަތީ ފެންވަރުގެ ޚިދުމަތާއި، ޤުދުރަތީ ރީތިކަމުގެ ސަބަބުން ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެ ކުންފުނީން ސިފަކުރެއެވެ. އެ ރިޒޯޓަށް ބުކިންގ ހަދާ ފަރާތްތަކުގެ ތެރެއިން 30 އިންސައްތައަކީ އެކި ފަހަރު މަތިން ތަކުރާރުކޮށް ޒިޔާރަތްކުރާ ފަތުރުވެރިންނެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ބާރޮސް މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު އިބްރާހީމް ޝިޖާޙް ވިދާޅުވީ، ދުނިޔޭގެ 2 ވަނަ އަދި އޭޝިޔާގެ 1 ވަނަ ރިޒޯޓުގެ ގޮތުގައި ބާރޮސް ހޮވުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ބާރޮސްއިން އަބަދުވެސް އިސްކަންދެނީ ޓްރެންޑްތަކުގެ ފަހަތުން ދިއުމުގެ ބަދަލުގައި، މުވައްޒަފުންނާއި މެހުމާނުންނާ ދެމެދު އޮންނަ ވަރުގަދަ ގުޅުމާއި ޚިދުމަތުގެ ފެންވަރު ހިފެހެއްޓުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި އެވޯޑާއެކު ބާރޮސް މޯލްޑިވްސް ވަނީ ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ރިޒޯޓުތަކުގެ ސަފުން ޖާގަ ހޯދައި، ވަރސާ ހޮސްޕިޓަލިޓީ ކަލެކްޝަންގެ ދަށުން ރާއްޖޭގެ ލަކްޒަރީ ފަތުރުވެރިކަމުގެ މުހިންމު ރޭންކިންގއެއް ކަށަވަރުކޮށްފައެވެ.






