logoEN
WAMCO TOP 1
މޫސުމީ ނަކަތްތައް: ދިވެހި މާލިމީން މޫސުން ބަހާލި މޮޅު ގޮތް

މޫސުމީ ނަކަތްތައް: ދިވެހި މާލިމީން މޫސުން ބަހާލި މޮޅު ގޮތް

# މޫސުން# ނަކަތް# އިރުވައި

މޫސުން ގޯސް ދުވަހެއް

ދިވެހިރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު، ޖަޒީރާ ގައުމަކަށް ވުމާއެކު، ދިވެހިންގެ ދިރިއުޅުން ބިނާވެފައިވަނީ މޫސުމާއި ކަނޑުތަކުގެ އޮއިވަރާ ވަރަށް ބޮޑަށް ގުޅިފައެވެ. އިހުގެ ދިވެހި މާލިމީންނާއި ދަނޑުވެރިން މޫސުން ދެނެގަތުމަށް ބޭނުންކުރި އެންމެ މުހިންމު ވަސީލަތަކީ 'ނަކަތް' ތަކެވެ. މިއީ ތަރިތަކުގެ ހިނގުމާއި، ވައިގެ މިސްރާބަށް ބަލައިގެން މޫސުން ބަހާލާފައިވާ ވަރަށް ފުރިހަމަ ނިޒާމެކެވެ.

THE TRAVELLER AD

ދިވެހި މޫސުމީ ކަލަންޑަރު ބެހިގެންވަނީ މައިގަނޑު ދެ މޫސުމެއްގެ މައްޗަށެވެ. އެއީ އިރުވައި މޫސުމާއި ހުޅަނގު މޫސުމެވެ. އަހަރެއްގެ 365 ދުވަސް ބަހާލެވިފައިވަނީ ޖުމްލަ 27 ނަކަތުގެ މައްޗަށެވެ. މީގެ ތެރެއިން ހުޅަނގު މޫސުމުގައި 18 ނަކަތް ހިމެނޭއިރު، އިރުވައި މޫސުމުގައި ހިމެނެނީ 9 ނަކަތެވެ. ކޮންމެ ނަކަތެއްގެ ދިގުމިނަކީ ގާތްގަނޑަކަށް 13 ނުވަތަ 14 ދުވަހެވެ.

ހުޅަނގު މޫސުމޭ ކިޔަނީ ހުޅަނގު ދެކުނުން ވައި ޖެހޭ ދުވަސްވަރަށެވެ. ހުލަނގާގެ މާނައަކީ ވައެވެ. ހުޅަނގު މޫސުމުގެ ދުވަސްތައް ފެށެނީ އޭޕްރީލް 8 ވަނަދުވހުއެވެ. ނިމެނީ ޑިސެންބަރު 9 ވަނަދުވަހަށެވެ. މި ދެމެދުގައިވާ ދުވަސްތައް ޖުމްލަ 18 ބަޔަށް ބަހާފައިވެއެވެ. އެއީ ހުޅަނގު މޫސުމުގެ 18 ނަކަތެވެ. ހުޅަނގު މޫސުމުގެ ނަކަތްތަކަކީ އައްސިދަ، ބުރުނު، ކެތި، ރޯނު، މިއަހެލި، އަދަ، ފުނޯސް، ފުސް، އަހުލިހަ، މާ، ފުރަ، އުތުރަ، އަތަ، ހިތަ، ހެއި، ވިހާ، ނޮރަ، ދޮށަ އެވެ.

ހުޅަނގު މޫސުން ފެށެނީ އޭޕްރީލް މަހުގެ ފަހުކޮޅު 'އައްސިދަ' ނަކަތުންނެވެ. މި ނަކަތުގައި އާންމުކޮށް އަވިގަދަވެފައި ކުއްލިއަކަށް ވާރޭވެހެއެވެ. "ބުރުނު"، "ކެތި" އަދި 'ރޯނު' ނަކަތަކީ ގަދަ ވަޔާއެކު ކަނޑުގަދަވާ ނަކަތްތަކެކެވެ. 'މިއަހެލި' ނަކަތަކީ ހުޅަނގު މޫސުމުގެ އެންމެ ވިއްސާރަ އެއް ނަކަތެވެ. މި ދުވަސްވަރު ބޯކޮށް ވާރޭވެހި، ގަދަ ވަޔާއެކު ކަނޑުތައް ވަރަށް ބޮޑަށް ގަދަވެއެވެ. 'ފުސް' އަދި 'އަހިލަ' ނަކަތްތަކުގައި ވެސް ވިލާގަނޑުގައި ވައިގަދަވެ ވާރޭވެހުން އިތުރުވެއެވެ.

އިރުވައި މޫސުމުގައި ހިމެނެނީ 9 ނަކަތެވެ. އެއީ މުލަ، ފުރަހަޅަ، އުތުރަހަޅަ، ހުވަން، ދިނަށަ، ހިޔަވިހާ، ފުރަބަދުރުވަ، ފަސްބަދުރުވައާއި ރޭވައެވެ. އިރުވައިގެ ނަންދީފައި މި ވަނީ އިރު އުތުރުން ވައިޖެހޭ ދުވަސްތަކަށެވެ. “އިރުވައި” މި ލަފުޒުގެ މާނައަކީ އިރުމަތިން ޖެހޭ ވައެވެ. އިރުވައި މޫސުން ފެށޭ ދުވަހަކީ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހެވެ. ނިމޭ ދުވަހަކީ އޭޕްރީލް 7 ވަނަދުވަހެވެ. މި ދެމެދުގައިވާ ދުވަސްތައް ވަނީ ޖުލްމަ 9 ބަޔަކަށް ބަހާލާފައެވެ. އެއީ އިރުވައި މޫސުމުގެ 9 ނަކަތެވެ.

އިރުވައި މޫސުން ފެށެނީ 'މުލަ' ނަކަތުންނެވެ. މިއީ އާންމުކޮށް އުޑުމަތި ސާފު، އަވިގަދަ އަދި ކަނޑުތައް މަޑު ދުވަސްވަރެކެވެ. 'ފުރަހަލަ' ނަކަތުގައި އިރުވައިގެ ގަދަ ވައި ފެށި، ކަނޑުތައް ތަންކޮޅެއް ގަދަވެއެވެ. ނަމަވެސް 'ހުވަން' ނަކަތަކީ މުޅި އަހަރުގެ ތެރޭގައި ވެސް އެންމެ ކަނޑު މަޑު، އޮމާން ދުވަސްވަރެވެ. 'ދިނަށަ' ނަކަތުގައި މަސްވެރިކަން ރަނގަޅުވެ، އުޑުމަތި ވަރަށް ސާފުކޮށް އޮވެއެވެ.

ނަކަތްތަކަކީ ހަމައެކަނި މޫސުން ބަހާލާފައިވާ ގޮތެއް ނޫނެވެ. އެއީ ދިވެހިންގެ އިގްތިސާދީ އަދި އިޖުތިމާއީ ދިރިއުޅުމާ ގުޅިފައިވާ ކަމެކެވެ. މަސްވެރިން މަހަށް ނުކުންނާނެ ވަގުތާއި، ދަނޑުވެރިން ގަސް އިންދާނެ ވަގުތު ކަނޑައަޅަނީ ނަކަތްތަކަށް ބަލައިގެންނެވެ. މިސާލަކަށް، ވަކި ކަހަލަ މަސްތައް ގިނަވާނެ ނަކަތްތަކާއި، ވަކި ބާވަތެއްގެ ގަސްތައް ހެދޭނެ ނަކަތްތައް ދިވެހިންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.

ނަކަތްތަކުގެ ނިޒާމަކީ ދިވެހި ކާބަފައިންގެ ހިކުމަތްތެރިކަމާއި، ތަޖުރިބާގެ މައްޗަށް ބިނާވެފައިވާ ވަރަށް ފުރިހަމަ ސައިންޓިފިކް ނިޒާމެކެވެ. މިއަދުގެ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މޫސުން ބެލި ކަމުގައިވިޔަސް، ނަކަތްތަކުން ލިބޭ މައުލޫމާތަކީ އަދިވެސް ދިވެހިރާއްޖޭގެ މާހައުލާ ވަރަށް ބޮޑަށް ގުޅޭ، ސައްހަ މައުލޫމާތުތަކެކެވެ. މި އަމާނާތް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ.

ކޮމެންޓް
ފަހުގެ
HDC