
--
ނޯރވޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާލިންގް ހާލަންޑާ ދާދި އެއްގޮތް ސިފަތަކެއް ހުރި ރަޝިޔާގެ އަންހެން މޮޑެލްއެއްގެ ފޮޓޯތަކާއި ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވުމާއެކު، ގިނަ ބަޔަކު ދަނީ ހައިރާންކަން ފާޅުކުރަމުންނެވެ.

މި މޮޑެލްގެ ނަމަކީ އެނެސްޓޭޝިއާ އެވެ. އޭނާގެ ދިގު ރަންކުލައިގެ އިސްތަށިގަނޑާއި، ނޭފަތާއި، މޫނުގެ ބައްޓަން ހާލަންޑާ ހުރި ގޮތާ އިންތިހާއަށް ވައްތަރެވެ.
ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުން ބުނާގޮތުގައި، އޭނާ ފެނުމުން ހީވަނީ ހާލަންޑް މޭކަޕް ކޮށްގެން ހުރިހެންނެވެ.
އެނެސްޓޭޝިއާ އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގެ ކޮމެންޓް ސެކްޝަން މިހާރު ވަނީ ފުޓްބޯޅަ ސަޕޯޓަރުންގެ ކޮމެންޓްތަކުން ފުރިފައެވެ.
ގިނަ ބަޔަކު މަޖާޒީ ގޮތެއްގައި ބުނެފައިވަނީ މިއީ ހާލަންޑްގެ ސިއްރު ކޮއްކޮ ނުވަތަ ދައްތަ ކަމަށެވެ. އަދި ބައެއް މީހުން ވަނީ 'ހާލަންޑް މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށީ ކޮން އިރަކު؟' ކަމަށް އަހާ ސުވާލުކޮށްފައެވެ.
މި ވީޑިއޯއަށް މިލިއަނަކަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ މި ދެމީހުންގެ ސިފައިގެ އެއްގޮތްކަމާ މެދު އަދިވެސް ގަބޫލުކުރަން ދަތިވެގެން ވާހަކަދައްކަމުންނެވެ.





