
ހިތަދޫ ކޯޒްވޭ ނިންމައި، 2028 ގެ މެދުތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ- މިނިސްޓަރު
# ލ.ހިތަދޫ# މިނިސްޓަރު ޑރ.އަބްދުﷲ މުއްތޮލިބް# މިނިސްޓްރީ އޮފް އިންފްރާންސްޓަކްޗާ، ހައުސިންގް، އާބަން ޑިވެލޮޕްމަންޓް# ރައްޔިތުންގެ މަޖިލިސްމިނިސްޓަރު މުއްތޮލިބު
ލ. ހިތަދޫ ކޯޒްވޭގެ މަސައްކަތް ނިންމައި، 2028 ގެ މެދުތެރޭގައި ރައްޔިތުންނަށް މަގު ބޭނުންކުރެވޭވަރު ވާނެކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިންގް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތޮލިބް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލ.މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ 22 ޖެނުއަރީ 2023 ވަނަ އަހަރު މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި 2 ސެޕްޓެންބަރު 2023 ވަނަ އަހަރު މި މަސައްކަތް މޮބިލައިޒްކުރި ކަމަށް ދެއްކި ނަމަވެސް، އޭރު ފެށި ސާވޭއާއި، ބޯހޯލް އާއި ގުޅުންހުރި މަސައްކަތްތައްވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަަތް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ފެށީ، 500 ދުވަސްތެރޭގައި ނިންމާގޮތައް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަނާއި، ޑިޒައިންނަށް ގެންނަންޖެހޭ ބަދަލުތަކުގެ މަސައްކަތްވެސް ފުރިހަމަކުރީ މި ސަރުކާރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ސަރުކާރުން އެދޭހާ ބާރުމިނުގައި މަސައްކަތް ނުދޭ. ކުރީ ސަރުކާރުން ސޮއިކޮށްފަ ހުރި 40 ވަރަކަށް ބިލިއަން ރުފިޔާގެ މަޝްރޫއު ހުރި. ދައުލަތުގައި ހުރި ފައިސާއިން ކުރީ ސަރުކާރުން ސޮއިކޮށްފައި ހުރި މަޝްރޫއުތަކާއި، މި ވެރިކަމުގައި ފަށައި އާ މަޝްރޫއުތަކާއި އެކުގައި ކުރިއަށް ގެންދަން ރަނގަޅަށް ޝެޑިއުލް ހަދައިގެން މި މަސައްކަތް ކުރަނީ." މިނިސްޓަރު މުއްތޮލިބު ވިދާޅުވި އެވެ.
މި މަސައްކަތުގެ އަދާހަމަ ހިއްސާކުރުމުގެ ގޮތުން މިނިސްޓަރު ވިދާޅުވީ މިއީ 81 މިލިޔަން ރުފިޔާއަށް، 390 މީޓަރުގެ ރިވެޓްމެންޓަކާއި، 157.5 މީޓަރުގެ ދިގު ދެ ބްރިޖާއި، 714 މީޓަރުގެ ދިގު މަގެއް ހިމެނޭ މަޝްރޫއު އެކެވެ. އެގޮތުން މަޝްރޫއުގެ ދަށުން މިހާރު ބްރިޖްގެ މަސައްކަތައް ބޭނުންވާ އެލްބްލޮކްތައް ބަލްކްކޮށް ކާސްޓުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން މިނިސްޓަރު ވަނީ މިިދިޔަ ސަރުކާރުން ވެރިކަން ނިމެންވެފައިވަނިކޮށް، ބައިވަރު މަޝްރޫއުތަކެއްގައި އެއްކޮށް ސޮއިކޮށްފައިވާކަން ފާހަގަކޮށްފަ އެވެ. އަދި މިކަމުގެ ސަބަބުން މާލީގޮތުން ކަންކަން ޕްލޭންކޮށް ހުރިހާ މަޝްރޫއުއެއް ނިމޭނެ ގޮތަކަށް ރަނގަޅު ތާވަލެއްގެ ދަށުން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ދައުލަތުގައި ހުރި ފައިސާއިން މަޝްރޫއުތައް އެންމެ އެކަށީގެންވާ ގޮތަށް ނިންމުމަށް އިސްކަންދެއްވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ގުޅުންހުރި

"އާބާދީ އެއްފަސްކުރާނީ މަޖުބޫރުކުރުމެއް ނެތި، ރައްޔިތުންގެ އެއްބަސްވުމާއެކު"

ހިތަދޫ ކޯޒްވޭ ނިންމައި، 2028 ގެ މެދުތެރޭގައި ރައްޔިތުންނަށް ބޭނުންކުރެވޭނެ- މިނިސްޓަރު

ނޮން ރެޒިޑެންޓް ސަފީރުންގެ ގޮތުގައި 3 ބޭފުޅަކު އައްޔަންކުރަން ރުހުންދީފި




