މުލަކު ފުލުހުންގެ އިމާރާތުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް
މ.މުލަކު ފުލުހުންގެ މަރުކަޒުގެ ސްޓްރަކްޗާ މަސައްކަތް ފަށައިފި އެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް" އަށް އެރަށު ކައުންސިލްގެ ރައީސް އަހްމަދު ޖަލީލް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުޅި މަޝްރޫއުގެ ކުޑަ އިންސައްތައެއްގެ މަސައްކަތް ނިމިފައިވީ ނަމަވެސް މަސައްކަތް ފެށިގޮތައް ނުހުއްޓި ކުރިއަށްދާ ކަމަށެވެ.
"ޕޮލިސް ޕޯސްޓުގެ މަސައްކަތުގެ 25 އިންސައްތަ މިހާރު ނިމިފައިވަނީ. މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށް އެބަދޭ. އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ސްޓްރަކްޗަރގެ މަސައްކަތްތައް". ޖަމާލު ވިދާޅުވި އެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށް، ފުލުހުންގެ ހިދުމަތް ހުރިހާ ރަށެއްގައި ދިނުމުގެ އަމާޒުގައި ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގައި ވަނީ ފަށާފަ އެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެއްޓީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެރަށަށް ކުރެއްވި ޒިޔާރާތުގެ ތެރެއިންނެވެ.
ރާއްޖޭގައި ގޭންގް ހަދައިގެން ކުށްކުރުމުގެ މާހައުލު ނައްތާލުމާއި، ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ހައްލުކުރުމާއި، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށުގެ މާހައުލަށް ވަންނަމުންދާ ދިއުން ހުއްޓުވުމާއި، ޑްރަގުގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއްދީގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.
އެގޮތުން އަތޮޅުތެރޭގެ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް ގާއިމްކޮށް، ދިވެހި ފުލުހުންގެ ހިދުމަތް ގާއިމްކުރެވުމާއެކު މިފަދަ މައްސަލަތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.





