
ލޯންޗު އެކްސިޑެންޓް: މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަނީ
# ފުލުހުން# ލޯންޗު އެކްސިޑެންޓްފުލުހުންގެ އިދާރާ- ފޮޓޯ: ގާފު
މިދިޔަ ބުރާސްފަތި ދުވަހު ރޭ ލޯންޗަކާއި އުޅަނދެއް ޖެހިގެން ހިނގި އެކްސިޑެންޓްގައި މަޑުނުކޮށް ދިޔަ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ހިމެނޭ އަނެއް އުޅަނދު އެކްސިޑެންޓަށްފަހު މަޑުނުކޮށް ގޮސްފައިވާއިރު، އެ އުޅަނދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މަޑުނުކޮށް ދިޔަ އުޅަނދާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، މެރިން ޕޮލިސް އިންވެސްޓިގޭޝަންގެ ނަންބަރު 9926094 އަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރެއްވުމަށް ފުލުހުން އެދިފައިވެ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރޭ އިއްޒުއްދީން ފާލަމާ ދިމާ ބޭރުން "ލީޖަން 1" ނަމަކަށް ކިޔާ ލޯންޗަކާއި އިތުރު އުޅަނދެއް ޖެހި އެކްސިޑެންޓް ވެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި މި ހާދިސާގައި އަނިޔާވެގެން ފަރުވާ ދިނުމަށް 5 މީހަކު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 4 ބިދޭސީ ފިރިހެނުންނާއި ދިވެހި ފިރިހެނެކެވެ.
މީގެތެރެއިން 3 މީހަކު ވޯޑުގައި އެޑްމިޓްކޮށްފައިވާއިރު، 2 މީހަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފައިވެ އެވެ.





