
ބީއެމްއެލް
ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ޖުމްލަ 1.7 ބިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށް ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކޮށްފިއެވެ.

ބޭންކުން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ވިއްކާފައިވާ މި އަދަދަކީ ރެކޯޑް މިންވަރެކެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި މިއީ އޭގެ ކުރީގެ އެފަދަ މުއްދަތަކާ އަޅާބަލާއިރު 77 އިންސައްތައިގެ އިތުރުވުމެކެވެ. ކުރީގެ އަހަރުތަކުގެ އެ މުއްދަތުގައި ވިއްކާފައިވަނީ ޖުމްލަ 957 މިލިއަން ޑޮލަރެވެ. ބޭންކުން ވިއްކި ފައިސާގެ ތެރޭގައި ތައުލީމާއި، ބޭސްފަރުވާ، ކާޑު މުއާމަލާތްތައް، ޓެލްގްރެފިކް ޓްރާންސްފަރ (ޓީޓީ) އަދި ދަތުރުވެރިންނަށް ވިއްކި ފައިސާ ހިމެނެއެވެ.
ފާއިތުވި ފަސް އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ވަނީ ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހަކު އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އުފުލިފައެވެ. މީގެ އިތުރުން، ޓީޓީ ފޮނުވުމަށް ވިއްކާ ފައިސާގެ މިންވަރުވެސް ވަނީ 10.2 މިލިއަން ޑޮލަރުން 28 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
ބޭންކުގެ ދިވެހި ރުފިޔާ އެކައުންޓްތަކުން ޑޮލަރު ވިއްކި މިންވަރަށް ބަލާއިރު، ވޭތުވެދިޔަ ދެ އަހަރާބައިގެ ތެރޭގައި 870 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މިއީ 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް ވިއްކި 10.7 މިލިއަން ޑޮލަރާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. މިއަހަރު އެވްރެޖްކޮށް މަހަކު 37.8 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވާ ކަމަށް ބޭންކުން ބުނެއެވެ.
ޚާއްޞަ ބޭނުންތަކަށް ބަލާއިރު، ބޭރުގައި ކިޔަވާ ކުދިންނާއި ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ވިއްކާ ފައިސާވެސް ވަނީ ދެގުނަ އިތުރުވެފައެވެ. 2023 ވަނަ އަހަރު މަހަކު 2.9 މިލިއަން ޑޮލަރު ވިއްކި ނަމަވެސް، މިއަހަރު އެ އަދަދު ވަނީ 5.8 މިލިއަން ޑޮލަރަށް އަރާފައެވެ. އަދި ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި ވިއްކި ޑޮލަރުގެ މިންވަރުވެސް ވަނީ 70 އިންސައްތަ އިތުރުވެފައެވެ.
ބީއެމްއެލް އިން ބުނީ މި ތަފާސްހިސާބުތަކުން ހާމަވަނީ ރާއްޖޭގެ ބޭރު ފައިސާގެ ބޭނުންތައް ފުއްދައިދިނުމުގައި ބޭންކުން ބަހައްޓާ ސާބިތުކަން ކަމަށެވެ. އަދިޑިމާންޑް އިތުރުވަމުންދާ މި ދަނޑިވަޅުގައިވެސް ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނުމަށް ބޭންކުން އަބަދުވެސް އިސްކަންދޭނެ ކަމަށެވެ.
ގުޅުންހުރި

ވޭތުވެދިޔަ ދެ އަހަރާބައިގެ ތެރޭގައި ބީއެމްއެލް އިން 1.7 ބިލިއަން ޑޮލަރު ވިއްކައިފި

ބީއެމްއެލްގެ އެމެކްސް ކަސްޓަމަރުންނަށް އެފް1 ސިންގަޕޫރު ގްރޭންޑް ޕްރީގެ ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް!

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ވިސާ ފީއަށް ކާޑު ލިމިޓް ދޭން ބީއެމްއެލުން ނިންމައިފި




