
ޖުލައި 10 އަދި 11 ގައި ސަލްމާނު މިސްކިތުގައި އިސްލާމީ ކުތުބުޚާނާގެ ޚާއްސަ ޙަރަކާތްތަކެއް ބާއްވަނީ
# އިސްލާމިކް މިނިސްޓްރީ-
ދިވެހިރާއްޖޭގެ ލައިބްރަރީ ދުވަހާއި، އިސްލާމީ ކުތުބުޚާނާގެ ފުރަތަމަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން އިސްލާމީ ކުތުބުޚާނާއިން އިންތިޒާމުކޮށްގެން މުޅި މުޖުތަމައަށް ހުޅުވާލައިގެން ބާއްވާ ޚާއްސަ ޙަރަކާތްތަކެއް މި ޖުލައި މަހުގެ 10 އިން 11 އަށް ބޭއްވުމަށް ވަނީ ތައްޔާރުވެފައެވެ.

މި ޙަރަކާތްތަކުގެ ތެރެއިން އެންމެ ޚާއްސަ ކަމެއްގެ ގޮތުގައި ކުރިއަށްދާނީ ހުރިހާ އުމުރުފުރާއަކަށް އަމާޒުކޮށްގެން ބާއްވާ ޚާއްސަ ފެއަރއެކެވެ. މި ފެއަރ ކުރިއަށްދާނީ މި ޖުލައި މަހުގެ 10 އަދި 11 މި ދެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މަސްޖިދުލްމަލިކި ސަލްމާނު (ސަލްމާނު މިސްކިތު) ގެ މާބުލް އޭރިއާގައެވެ.
އާންމުކޮށް ހުޅުވައިލައިގެން ބާއްވާ މި ފެއަރގައި ހިމެނޭ މުހިންމު ކަންކަމުގެ ތެރޭގައި:
- ކުޑަކުދީންގެ ހަރަކާތްތައް: ކުޑަކުދީންނަށް ޚާއްސަ ތަފާތު ކުޅިވަރުތަކާއި، ގޭމްތަކުގެ އިތުރުން ގިނަ އިނާމުތަކާއި ހަދިޔާތައް ދިނުން.
- އުފެއްދުންތެރިކަމާއި ފޮތް ސްޓޯލްތައް: އުފެއްދުންތެރިކަން ދައްކުވައިދޭ ސްޓޯލްތަކާއި، ތަފާތު ދާއިރާތަކުގެ ޢިލްމީ ފޮތްތަކާއި މަޢުލޫމާތު ހިމެނޭ އިސްލާމީ ސްޓޯލްތައް.
- ކާބޯތަކެތީގެ ސްޓޯލްތައް: ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު މީރު ކާބޯތަކެތި ލިބޭނެ ޚާއްސަ ސްޓޯލްތައް.
މީގެ އިތުރުން، މި ފެއަރގެ ތެރެއިން ދީނީ އަދި އިލްމީ ގޮތުން އާންމުން ހޭލުންތެރިކުރުވުމަށްޓަކައި ޚާއްޞަ ޢިލްމީ ސެޝަންތަކެއް ވެސް ކުރިއަށް ދާނެއެވެ. އެގޮތުން:
- 10 ޖުލައި 2026 (ހުކުރު ދުވަސް) ހަވީރު 17:00: އިސްލާމީ ކުތުބުޚާނާގައި "ފޮތެއްގެ މަންހަޖީ ހުށައެޅުމެއް" މި މަޢުޟޫޢަށް ޑރ. އާމިނަތު ރިޔާޒުގެ ޚާއްސަ ސެޝަނެއް އޮންނާނެއެވެ.
- 11 ޖުލައި 2026 (ހޮނިހިރު ދުވަސް) ހަވީރު 17:00: އިސްލާމީ ކުތުބުޚާނާގައި "ޢިލްމީ ދިރާސާ ހަދާނީ ކިހިނެއް" މި މަޢުޟޫޢަށް ޑރ. ސަޢުދުﷲ ޢަލީގެ ޚާއްސަ ސެޝަނެއް ކުރިއަށްދާނެއެވެ.
އިސްލާމީ ކުތުބުޚާނާއިން މައުލޫމާތު ދޭ ގޮތުގައި، މި ދުވަސް އިސްލާމީ ކުތުބުޚާނާގައި ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ މައިގަނޑު މަޤުޞަދަކީ ދިވެހި މުޖުތަމައުގައި ފޮތްކިޔުމަށް ލޯބިކުރާ، އިލްމަށް ގަދަރުކުރާ ޖީލެއް ބިނާކުރުމަށް މަސައްކަތްކުރުމެވެ. އަދި އާންމުންގެ މެދުގައި އިސްލާމީ ކުތުބުޚާނާ ބޭނުންކުރުމުގެ އާދަ އަށަގަންނުވައި، އެތަނުގެ ޚިދުމަތްތައް ހޯދުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމެވެ.
ގުޅުންހުރި

ޖުލައި 10 އަދި 11 ގައި ސަލްމާނު މިސްކިތުގައި އިސްލާމީ ކުތުބުޚާނާގެ ޚާއްސަ ޙަރަކާތްތަކެއް ބާއްވަނީ

85 ޒުވާން ޚަޠީބުން، ޒުވާން ޚަޠީބުން ތަމްރީން ޕްރޮގުރާމުގެ ހަތަރު ވަނަ ބުރު ނިންމާ ސަނަދު ހާސިލްކޮށްފި

ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ފުވައްމުލައް ސިޓީ އައުޓްރީޗު ސެންޓަރު ހުޅުވައިފި




