
"ތަރިކަވެރިންގެ އަޑު" ޚާއްޞަ ބައްދަލުވުމުގައި ވަޒީރު ހީނާ ތަރިކަވެރިންނާ މަޝްވަރާކުރައްވައިފި
# ހީނާ ވަލީދު-
ދިވެހި ސަގާފީ ދާއިރާގެ ކަންކަން ރޭވުމުގައްޔާއި ނިންމުންތައް ކަނޑައެޅުމުގައި ތަރިކަވެރިންގެ ޚިޔާލާއި މަޝްވަރާ ހިމަނައި، އެ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމުގެ މަގްސަދުގައި "ތަރިކަވެރިންގެ އަޑު" ގެ ނަމުގައި ޚާއްޞަ ބައްދަލުވުމެއް ބާއްވައި، އެފަރާތްތަކާއެކު ދިވެހިބަހާއި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ފުޅާ ދާއިރާއެއްގައި ޚިޔާލުބަދަލު ކުރައްވައިފިއެވެ.

ޤައުމީ ދާރުލްއާސާރުގެ ހޯލްގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމަކީ ދާއިރާގެ ބޭފުޅުންގެ އިހުސާސްތައް ދެނެގަނެ، ފަންނުވެރިންގެ ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން އިސްކަންދީގެން ފެށްޓެވި މުހިންމު މަސައްކަތެކެވެ.
މި ބައްދަލުވުމުގައި ވަޒީރު ހީނާ ވަނީ، ތަރިކަވެރިންގެ މަސައްކަތުގެ ދާއިރާތަކުގެ ވާހަކަތައް އަޑުއައްސަވައި، ސަރުކާރާ ގުޅިގެން ސަގާފީ މަސައްކަތްތައް އިތުރަށް ތަރައްޤީކުރެވޭނޭ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައެވެ.
ބައްދަލުވުމަށްފަހު ބައިވެރިންނާ މުޚާތަބުކުރައްވައި ވަޒީރު ވިދާޅުވީ، "އެއްބަޔަކު އަނެއްބަޔަކާ ދިމާވެ، ތަފާތު ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާއާއި، ވުޒާރާއާއި ފަންނުވެރިންނާ ގުޅިގެން ކުރެވިދާނެ ވަރަށް ގިނަ ކަންތައްތަކުގެ ޚިޔާލު ލިބިއްޖެ" ކަމަށެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ދާއިރާގެ ފަންނީ ތަޖުރިބާކާރުންގެ ބައިވެރިވުން އިތުރުކުރުމަކީ ދިވެހި ޤައުމިއްޔަތު އިޔާދަކުރުމުގެ ޤައުމީ މަޝްރޫޢަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. އަދި މި ބައްދަލުވުމުން ތަރިކަވެރިން ފާހަގަކުރެއްވި ކަންތައްތަކަށް ރިޢާޔަތްކުރައްވައި، ވަކިވަކި ފޯކަސް ގުރޫޕު މަޝްވަރާތައް ތާވަލުކުރައްވާނޭ ކަމަށާއި، މިއީ ސިލްސިލާ ހަރަކާތަކަށް ހަދައި، ޤަވާޢިދުން ތަރިކަވެރިންގެ އަޑު އެއްސެވުމަކީ ސަރުކާރުގެ ސިޔާސަތުކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މުނިފޫހިފިލުވުމުގެ ސަގާފީ ކަންކަމާއެކު ޝައުގުވެރި ގޮތަކަށެވެ. އޭގެ ތެރޭގައި އިހުގެ ދިވެހީންގެ މެދުގައި މަޝްހޫރު ތަފާތު އެކި ސައިގެ ރަހަބެލުމުގެ ފުރުޞަތާއި، ކުދިކާތަކެތީގެ އިތުރުން، ދާރުލްއާސާރުގެ ފަރާތުން ތައްޔާރުކޮށްފައިވާ ކުޑަ މައުރަޒަކާއި، އޮށްވަޅުގޮނޑި އަދި ތިންހަމަ ފަދަ އިގްދީމީ ބޯޑު ކުޅިވަރުތައް ވެސް ހިމެނެއެވެ.
ގުޅުންހުރި

"ތަރިކަވެރިންގެ އަޑު" ޚާއްޞަ ބައްދަލުވުމުގައި ވަޒީރު ހީނާ ތަރިކަވެރިންނާ މަޝްވަރާކުރައްވައިފި

ޤައުމީ ދުވަހުގެ ތައްޔާރީތައް ބެއްލެވުމަށް ވަޒީރު ހީނާ ހއ އަތޮޅަށް

"މޯލްޑިވިއަން ރިސޯޓު އާކިޓެކްޗާ" މައުރަޒަށް ވަޒީރު ހީނާ ޒިޔާރަތް ކުރައްވައިފި




