
-
މާލޭގެ ދެ ސަރަހައްދެއްގައި މިއަދު ހެނދުނު އަލިފާނުގެ ދެ ހާދިސާއެއް ހިނގައިފިއެވެ.

ކަމާބެހޭ ފަރާތްތަކުން ކުރި މަސައްކަތުން ދެ ހާދިސާގައި ވެސް އަލިފާން ވަނީ އެކީ ނިއްވާލެވި، ކޮންޓްރޯލް ކުރެވިފައެވެ. އަދި މި ދެ ހާދިސާގައި ވެސް އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ފުރަތަމަ ހާދިސާ ހިނގާފައިވަނީ ގ. މިތުރު ގޭގައެވެ. އެ ގޭގައި ހުރި ގޮދަޑިއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 8:45 އެހައިކަންހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ސިފައިންނާއި ފުލުހުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، އެ އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.
ދެވަނަ ހާދިސާ ހިނގާފައިވަނީ މާފަންނު ނިޔާމަގުގައި ހުންނަ މ. ސަފާގޭގައެވެ. ފުލުހުން ބުނި ގޮތުގައި، އެ ގޭގެ ގްރައުންޑް ފްލޯގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 9:19 އެހައިކަންހާއިރުއެވެ. އެމްއެންޑީއެފް ފަޔަރ ކޮންޓްރޯލް ޓީމުން ވަގުތުން ކުރި އޮޕަރޭޝަނުން އެ ގުދަނުގައި ރޯވި އަލިފާން ވަނީ މިހާރު ކޮންޓްރޯލްކޮށްފައެވެ.
މި ދެ ހާދިސާގައި ވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އިމާރާތްތަކަށާއި މުދަލަށް ލިބުނު ގެއްލުންތަކުގެ ތަފްސީލު ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކުން ދަނީ ކުރަމުންނެވެ.
އަދި މިއަދު ހެނދުނު މާލޭގައި ހިނގި މި ދެ އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

ފުލުހުންގެ ތަމްރީނުތައް ކުރިމަގުގައި އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރާނަން - ސީޕީ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި
ޖަލަށް މަނާތަކެތި އެތެރެކުރުން ހުއްޓުވަން މާފުށީ ޖަލުގައި ކުއްލި އޮޕަރޭޝަނެއް!




