logoEN
WAMCO TOP 1
ޢަރަބިއްޔާގެ އައު އިމާރާތް ނޮވެންބަރަށް ނިންމައި، އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

ޢަރަބިއްޔާގެ އައު އިމާރާތް ނޮވެންބަރަށް ނިންމައި، އަންނަ ދިރާސީ އަހަރު ކިޔަވައިދޭން ފަށަނީ

އަހުމަދު ޝުރާއު

logo

7/7/2026, 9:23:39 AM

# އަރަބިއްޔާ ސްކޫލް

-

ދިވެހިރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ފޯރުކޮށްދޭ ހަމައެކަނި މަދުރަސާ ކަމަށްވާ މަދްރަސަތުލް ޢަރަބިއްޔާއާމެދު އެމްޑީޕީ ގެ ދެ ސަރުކާރުގައި ވެސް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، ނަމަވެސް މި ސަރުކާރުން އަޅަމުންދާ ޢަރަބިއްޔާގެ އައު އިމާރާތް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެކީ ނިންމައިލެވޭނެ ކަމަށް ތައުލީމާއި މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލު ޝަފީއު ވިދާޅުވެއްޖެއެވެ.

THE TRAVELLER AD

ވަޒީރު މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވުމަށްފަހު، އިތުރު ސުވާލުގެ ވަގުތުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ.

ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގެ މަސައްކަތްތައް ސަރުކާރުން ތާވަލުކޮށްފައިވާ ދުވެލީގައި ކުރިއަށްދާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ބިޔަ އިމާރާތުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. އަދި މަސައްކަތް ނިމުމާއެކު، ދެން އެންމެ އަވަހަށް ފެށުމަށް ހަމަޖެހިފައިވާ އައު ދިރާސީ އަހަރުގެ ކިޔެވުން ޢަރަބިއްޔާގެ ދަރިވަރުންނަށް އެ އިމާރާތުގައި ރަސްމީކޮށް ފެށޭނެ ކަމުގެ ޔަގީންކަން ވަޒީރު މަޖިލީހުގައި ދެއްވިއެވެ.

ވަޒީރު ޑރ. އިސްމާއީލު ޝަފީއު ސިފަކުރެއްވި ގޮތުގައި، ވޭތުވެދިޔަ ތާރީޚުގައި އެމްޑީޕީގެ ދެ ސަރުކާރުން ވެސް އެންމެ ހިތްދަތި އަދި ބޭއިންސާފު ގޮތަކަށް މުއާމަލާތްކޮށްފައިވަނީ ޢަރަބިއްޔާ ސްކޫލާއި އެ ސްކޫލުގެ ދަރިވަރުންނާއެކުގައެވެ. އެގޮތުން އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި، އެއިރު ޢަރަބިއްޔާ ހިންގި އިމާރާތުން ދަރިވަރުން ބޭރުކޮށް ބިން އަތުލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަދި ދެވަނަ ދައުރުގައި ވެސް ޢަރަބިއްޔާގެ އިމާރާތުން ކުދިންނަށް ނުކުންނަން މަޖުބޫރުވި ކަމަށާއި، އެމްޑީޕީގެ ދެ ދައުރުގައި ވެސް އެ ސްކޫލުގެ ދަރިވަރުން މާލޭގެ އެކި ސަރަހައްދުތަކުގައި ގެންގުޅުނީ ބަހަމުން، ހަމަ ރެފިއުޖީންގެ ގޮތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ ތައުލީމީ ތާރީޚަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ރައީސް މުހައްމަދު ނަޝީދު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ރާއްޖޭގައި އަރަބި އިސްލާމީ ތައުލީމު ދޭ ދެ މަދުރަސާއެއް ހުރި ކަމަށެވެ. އެއީ ޢަރަބިއްޔާގެ އިތުރުން ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާގެ ނިޒާމީ ބައެވެ. ނަމަވެސް އެބައި އެއްކޮށް އުވައިލެއްވީ ނަޝީދުގެ ވެރިކަމުގައެވެ. އޭގެ ފަހުން އެއިރު ޢަރަބިއްޔާ ހިންގަމުންއައި ބިން ސަރުކާރަށް ނަގައި، އަމީނިއްޔާ ސްކޫލު ކުރިމަތީގައި ޢަރަބިއްޔާގެ އައު އިމާރާތެއް އެޅުމަށް ނިންމި ނަމަވެސް، އެ އިމާރާތަށް ދަރިވަރުންނަށް ބަދަލުވެވުނީ ހަތަރު ފަސް އަހަރުގެ ދިގު މުއްދަތަކަށް ފަހުގައެވެ.

އަދި އެ އިމާރާތް ބޭނުންކުރަން ފެށިތާ ދިހަ ވަރަކަށް އަހަރު ނުވަނީސް ބޮޑެތި ގެއްލުންތަކެއް ވެ ހަލާކުވުމުގެ ސަބަބުން، ދަރިވަރުންނަށް އަނެއްކާވެސް އެ އިމާރާތް ދޫކޮށް ނިކުންނަން ޖެހުނެވެ.

އެމްޑީޕީގެ ނިމިދިޔަ ސަރުކާރުގައި ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް އެންމެ ފުރަތަމަ ކަނޑައެޅީ ބާ ޖަމާލުއްދީން ހުރި ބިމެވެ. އެއީ ޖާގައިގެ ގޮތުން ނުހަނު ކުޑަ ބިމެއްކަން އެއިރު ވެސް ޢަރަބިއްޔާގެ ބެލެނިވެރިން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް، އެމްޑީޕީ ސަރުކާރުން އެ ނިންމުން ބަދަލެއް ނުކުރެއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެ ބިމަށްވުރެ ޖާގައިގެ ގޮތުން އެތައް ގުނައެއް ތަނަވަސް އަދި ބޮޑު 386 ނަންބަރު ކޮށި ޢަރަބިއްޔާގެ އައު އިމާރާތް އެޅުމަށް ޚާއްސަކޮށް ހަމަޖައްސަވައި، އެ މަޝްރޫއުގެ އަމަލީ ބޮޑު މަސައްކަތް ވަނީ ހަލުވިކަމާއެކު ފައްޓަވައިދެއްވާފައެވެ.

ކޮމެންޓް
ފަހުގެ
HDC