
އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ - ޝަފީއު
# އަރަބިއްޔާ ސްކޫލް--
ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މާލޭގެ ކުރީގެ ކުނި ކޮށި ހުރި ސަރަހައްދުގައި މިހާރު ފެށިގެންކުރިޔަށްދާ އެސްކޫލުގެ އައު އިމާރާތުގެ މަސައްކަތުގެ ތެރެއިން ފައުންޑޭޝަން މަސައްކަތް ފަށްޓަވައިދެއްވުމަށް މިއަދު އޮތް ރަސްމިއްޔާތަށްފަހު ދެއްވި އިންޓަވިއުއެއްގައި އެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވި ޢަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށާއި މި އިމާރާތް ވެގެންދާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ވަރަށް ޒަމާނީ ސްކޫލްއަކަށް ކަމަށެވެ.
އެގޮތުން މިނިސްޓަރު ވަނީ މާލޭގައި ފުރަތަމަ ފަހަރަށް ތަރައްޤީކުރާ އަންޑަރ ގްރައުންޑް ޕާކިންއާއެކު 200 އަށްވުރެ ގިނަ ސައިކަލާއި ކާރުވެސް އެތަނުގައި ޕާކްކުރެވޭނެކަން ހާމަކުރައްވާފައި އެވެ. އަދި އައު އިމާރާތުގެ ގޯތިތެރެއަކީ ދަރުމަވަންތަ ސްކޫލްގައިވެސް އޮތް މިންވަރުގެ ގޯތިތެރެއެއްކަން ފާހަގަކުރައްވައި މިނިސްޓަރި ވިދާޅުވީ އެސްކޫލު ހުންނާނީ މާފަންނު ސްޓޭޑިއަމްގެ ކައިރީގައިކަމަށްވުމުން ގޯތި ތެރެ ކުޑަނަމަވެސް ދަރިވަރުންނަށް އެކަމުގައި ދަތިތަކެއް ކުރިމަތި ނުވާނެ ކަމަށެވެ. މީގެ އިތުރުން ސްކޫލްގެ ޓެރެސްގައިވެސް އެކަށީގެންވާވަރަށް ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް އަދި ސިވިލް ސޮސައިޓީސްތަކަށް ބޭނުންކުރެވޭގޮތަށް އެކަށީގެންވާވަރަށް ޖާގަ އޮންނާނެކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުުގެ މަސައްކަތް ނިންމަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އާރުސީސީ) އާ ހަވާލުކޮށް އެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ 18 މަސް ތެރޭގައި ނިންމާ ގޮތަށް 152 މިލިއަން ރުފިޔާ އަށެވެ.
ޢަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި 42 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ފުރިހަމަވެފައިހުންނާނެ އެވެ. މި އިމާރާތަކީ 10 ބުރީގެ އިމާރާތެކެވެ.
ގުޅުންހުރި

އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި

އަރަބިއްޔާ ސްކޫލްގެ އާއިމާރާތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ބެލެނިވެރީންނާ ހިއްސާކޮށްފި

އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރަށް ނިމޭނެ - ޝަފީއު





