
--
ދުނިޔޭގެ އެންމެ މަގުބޫލު ލަވަކިޔުންތެރިޔާ ޓޭލާ ސުވިފްޓް އާއި އެމެރިކަން ފުޓްބޯޅަ ތަރި ޓްރެވިސް ކެލްސީ މި މަހުގެ 3 ވަނަ ދުވަހު ނިއުޔޯކްގެ މަޝްހޫރު 'މެޑިސަން ސްކްވެއާ ގާޑަން' ގައި ވަނީ ކައިވެނިކޮށްފައެވެ.

މި ކައިވެނީގެ ހަފްލާ ކުރިއަށްދިޔަ ވަގުތު އެ ސަރަހައްދުން "ފިލްމު ޝޫޓިން" ކުރިއަށްދާކަމުގެ ނޯޓިސްތަކެއް ފެނުމުން، ޓޭލާ އޭނާގެ ކައިވެނީގެ ޚާއްޞަ ޑޮކިއުމެންޓްރީއެއް ނުވަތަ މޫވީއެއް ނެރެނީ ކަމަށް ބުނެ ފޭނުންގެ މެދުގައި ބޮޑު ބަހުސެއް އުފެދުނެވެ. ނަމަވެސް 'އީ ނިއުސް' އިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ކައިވެނި ރެކޯޑްކުރި ނަމަވެސް އެއީ އެއްވެސް ކަހަލަ ޑޮކިއުމެންޓްރީއެއް ނެރުމަށް ކުރި ކަމެއް ނޫނެވެ.
'ޑެއިލީ މެއިލް' އިން ހާމަކުރި ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި، ޓޭލާ އާއި ޓްރެވިސް ވަނީ އެމެރިކާގެ އެންމެ ބޮޑު އެއް އެރީނާ ކަމަށްވާ މެޑިސަން ސްކްވެއާ ގާޑަން މުޅިން ބަދަލުކޮށް، ރޮމެންޓިކް ބަގީޗާއެއްގެ ސިފަ ގެނެސްދީފައެވެ. ގަނޑުވަރުގެ ފާރުތަކުގައި ދެމަފިރިންގެ ފޮޓޯތައް ރަންކުލައިގެ ފްރޭމްތަކުގައި ހަރުކޮށްފައި ހުރިއިރު، ސީލިންގުގައި ފީޗް ކުލައިގެ ފޮތިތައް ވަނީ ދަމާފައެވެ. އަދި އެ ތަނުގެ އާދައިގެ ގޮނޑިތައް ނުފެންނާނެހެން ނޫކުލައިގެ ދޮރުފޮތިތަކާއި ކްރީމް ކުލައިގެ ކަވަރުތަކުން ވަނީ މުޅި މާހައުލު ރީތިކޮށްލާފައެވެ.
މި ކައިވެނީގެ ހަފްލާގައި 'ބީޓްލްސް' ބޭންޑްގެ ލެޖެންޑް ޕޯލް މެކްކާޓްނީ، ދެމަފިރިންނަށް ޚާއްޞަކޮށް އެ ބޭންޑްގެ 1963 ގެ މަޝްހޫރު ލަވަ "އައި ވޯންޓު ހޯލްޑް ޔޯ ހޭނެޑް" ވެސް ވަނީ ހުށަހަޅައިދީފައިއެވެ. މިއީ ވޭތުވެދިޔަ 60 އަހަރު ތެރޭގައި އޭނާ މި ލަވަ ލައިވްކޮށް ކިޔައިދިން ފުރަތަމަ ފަހަރެވެ. މީގެ އިތުރުން، މިއުޒިކް ލެޖެންޑް ސްޓީވީ ނިކްސް ވެސް ވަނީ ލަވަ ހުށަހަޅައިދީފައެވެ.
ޓޭލާ އާއި ޓްރެވިސްގެ ފަރާތުން ރަސްމީ ފޮޓޯއެއް ސޯޝަލް މީޑިއާއަށް އަދި ދޫނުކުރި ނަމަވެސް، މިއީ ފަހުގެ ތާރީޚެއްގައި ބޭއްވުނު އެންމެ އަގުބޮޑު އަދި އެންމެ ގިނަ ތަރިން ހާޒިރުވި އެއް ކައިވެންޏެވެ.






