
-
މަޝްހޫރު ލަވަކިޔުންތެރިޔާ ހެރީ ސްޓައިލްސް، ލަންޑަންގެ ވެމްބްލީ ސްޓޭޑިއަމްގައި ބޭއްވި ފޯރިގަދަ ކޮންސެޓްތަކާއެކު ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.

އޭނާގެ "ޓުގެދަރ، ޓުގެދަރ" ވޯލްޑް ޓުއާގެ ދަށުން ޖޫން 12 އިން ޖުލައި 4 އަށް ވެމްބްލީގައި ބޭއްވި 12 ދުވަހުގެ ކޮންސެޓަކީ، އެ ސްޓޭޑިއަމްގައި އެންމެ ގިނަ ދުވަހު ކޮންސެޓް ބޭއްވި މިއުޒީޝަނުގެ ގޮތުގައި ގިނިސް ވޯލްޑް ރެކޯޑުން މިހާރު ވަނީ ކަނޑައަޅާފައެވެ.
މީގެ ކުރިން މި ރެކޯޑް އޮތީ މިދިޔަ 2025 ވަނަ އަހަރު ވެމްބްލީގައި 10 ޝޯ ދިން ކޯލްޑްޕްލޭ އަތުގައެވެ.
ހެރީ ފުރަތަމަ ރާވާފައިވަނީ 6 ޝޯ ދިނުމަށެވެ. ނަމަވެސް، ޓިކެޓްގެ ޑިމާންޑް ބޮޑުވުމުން ޝޯތަކުގެ އަދަދު 12 އަށް އިތުރުކުރީއެވެ. ފަހު ޝޯ ނިމުމުން، ގިނިސް ވޯލްޑް ރެކޯޑްސްގެ ފަރާތުން ވަނީ އޭނާއަށާއި އޭނާގެ މުޅި ކްރޫއަށް ރެކޯޑްގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ.
80,000 އަށްވުރެ ގިނަ ފޭނުން ހާޒިރުވި ފަހު ކޮންސެޓް ނިންމާލަމުން، ހެރީ ވަނީ އޭނާގެ ކުރީގެ ބޭންޑް "ވަން ޑިރެކްޝަން" ގެ މަތިން ހަނދާންކޮށް ވަރަށް އަސަރުގަދަ ވާހަކައެއް ދައްކާފައެވެ. އޭނާ ބުނިގޮތުގައި، އޭނާގެ ކެރިއަރުގެ މި ދަތުރުގައި ބައިވެރިވި 4 އެކުވެރިން ނެތްނަމަ މިއަދު އޭނާއަށް މިފަދަ ސްޓޭޖެއްގައި ނުހުރެވޭނެއެވެ.
މި ޝޯގައި ހެރީގެ އާ އަލްބަމްގެ ލަވަތަކުގެ އިތުރުން މަޝްހޫރު "ވޯޓަރމެލަން ޝުގަރ" ފަދަ ލަވަތައް ހުށަހަޅައިދިނެވެ. މި ޓުއާގެ ދަށުން ހެރީ ދެން ދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ބްރެޒިލްއަށެވެ.






