
ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯހުގައި 26 ފުލުހުން ބައިވެރިވެއްޖެ
# ދިވެހި ފުލުހުންގެ ޙިދުމަތް-
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކާއި އާއިލީ އެކި މައްސަލަތައް ތަހުގީގުކުރާ ދިވެހި ފުލުހުންނަށް ޚާއްސަކޮށްގެން ހިންގާ "ފެމެލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން" ކޯސް ރަސްމީކޮށް ފަށައިފިއެވެ.

މި ކޯހަކީ މުޖުތަމައުގައި ހިނގާ މިފަދަ ނާޒުކު މައްސަލަތައް ބެލުމުގައި ފުލުހުންގެ ގާބިލުކަން އިތުރުކޮށް، ޒަމާނީ އަދި އިލްމީ ގޮތުން ތަހުގީގުތައް ކުރިއަށްގެންދިއުމުގެ ބޭނުމުގައި ފެށި މުހިންމު ތަމްރީނު ޕްރޮގްރާމެކެވެ.
މި ޚާއްސަ ކޯސް ކުރިއަށް ގެންދަނީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމެޓްގެ ސެންޓަރ ފޯ އިންވެސްޓިގޭޝަން، ކްރައިމް އެންޑް ޖަސްޓިސްގެ ފަރާތުން ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފް.ސީ.ޕީ) އާ ގުޅިގެންނެވެ.
މި މަހުގެ 5 އިން ފެށިގެން 25 ގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ކޯހުގައި މައްސަލަތައް ތަހުގީގުކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖުމްލަ 26 ފުލުހުން ވަނީ ބައިވެރިވެފައެވެ.
މި ކޯހުގެ ތެރެއިން، ކުޑަކުދިންނާއި އާއިލާތަކާ ގުޅުންހުރި މައްސަލަތައް ތަހުގީގުުކުރުމުގައި ޚާއްސަ އިސްކަމެއްދީ އަދި ފުލުހުން އެންމެ ބޮޑަށް ސަމާލުކަންދޭންޖެހޭ މުހިންމު ކަންތައްތައް އުނގަންނައިދިނުމަށް ތިއަރީ އަދި ޕްރެކްޓިކަލް ކުލާސްތައް ކުރިއަށް ގެންދާނެއެވެ. އެގޮތުން، ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ތަހުގީގުގެ މަރުހަލާގައި ގާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ ޚާއްސަ އިޖުރާއަތްތަކާ ގުޅޭގޮތުން ބައިވެރިންނަށް ފުޅާ ދާއިރާއެއްގައި މައުލޫމާތު ހިއްސާކުރާނެއެވެ.
މީގެ އިތުރުން، ކުޑަކުދިންނާއި އާއިލީ މައްސަލަތަކުގައި، ތަހުގީގުގެ ތެރެއިން ބަޔާން ނެގުމާއި އިންޓަވިއުކުރާނެ ނާޒުކު ގޮތްތަކުގެ އިތުރުން، ކުޑަކުދިންގެ އުމުރުން އަންނަ ހެދިބޮޑުވުމުގެ ބަދަލުތަކާއި ނަފްސާނީ ހާލަތްތައް ދެނެގަންނާނެ ގޮތްތަކާ ގުޅޭގޮތުން ވެސް ކުލާސްތައް ކުރިއަށްގެންދާނެއެވެ. ފުލުހުންގެ މުއައްސަސާއިން ހާމަކުރި ގޮތުގައި، މި ކޯހުގެ ކުލާސްތަކުގައި މައުލޫމާތު ދިނުމަށް ފުލުހުންގެ އިތުރުން މި ދާއިރާއާ ގުޅުންހުރި ދައުލަތުގެ އެހެނިހެން މުހިންމު އިދާރާތަކުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި

ފުޑް ކޯޓުތަކުން 27 ބިދޭސީން ހައްޔަރުކޮށްފި

ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯހުގައި 26 ފުލުހުން ބައިވެރިވެއްޖެ

ކޯޓު އަމުރެއްގެ ދަށުން މުރައިދޫ ގެއެއް ބަލައިފާސްކޮށް، ދެ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށަށް!




