logoEN
WAMCO TOP 1
ޒުވާން ޚަޠީބުންނާއި ދިވެހި ޙާފިޡުންނަށް ބާއްވާ ގައުމީ މަހާސިންތާ އަންނަ ސެޕްޓެމްބަރުގައި!

ޒުވާން ޚަޠީބުންނާއި ދިވެހި ޙާފިޡުންނަށް ބާއްވާ ގައުމީ މަހާސިންތާ އަންނަ ސެޕްޓެމްބަރުގައި!

އަހުމަދު ޝުރާއު

logo

7/5/2026, 8:24:18 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

-

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް އިން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ގައި ބައިވެރިވުމުގެ ޚާއްސަ ފުރުޞަތު ރަސްމީކޮށް ހުޅުވާލައިފިއެވެ.

THE TRAVELLER AD

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޒުވާނުންނަށް ދީނީ ދާއިރާއިން ފުރުސަތުތައް ފަހިކޮށްދިނުމަށް ބާއްވާ މި ބޮޑު މަހާސިންތާ ބޭއްވުމަށް ތާވަލުކޮށްފައިވަނީ ކުރިއަށް އޮތް ސެޕްޓެންބަރު މަހުގެ 13 ވާ އާދިއްތަ ދުވަހު މާލޭގައެވެ.

މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ޝައުޤުވެރިވާ ޒުވާން ޚަޠީބުންނާއި، މިހާރުވެސް މިސްކިތްތަކުގައި އިމާމުކަމާއި ޚަޠީބްކަން ކުރައްވާ ފަރާތްތަކުގެ އިތުރުން ދިވެހި ޙާފިޡުންނަށެވެ. ބައިވެރިވާން އެދޭ ފަރާތްތަކުން ވުޒާރާއިން އާންމުކޮށްފައިވާ ޚާއްސަ ގޫގުލް ފޯމު ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.

މި މަހާސިންތާގައި ބައިވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކެއް ނުވަތަ ފުރިހަމަވާންޖެހޭ ޚާއްސަ ކަންތައްތަކެއް ވެސް މިނިސްޓްރީގެ އިޢުލާނުގައި ވަނީ ބަޔާންކޮށްފައެވެ. އޭގެ ތެރޭގައި ޒުވާން ޚަތީބުންގެ ޓްރޭނިންގ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ޙާޞިލްކޮށްފައިވާ ފަރާތްތަކާއި، ރަމަޟާންމަހު މިސްކިތްތަކުގައި އިމާމުވެ ޙިފްޡުކޮށް (ހިތުން) ތަރާވީޙް ނަމާދު ކޮށްފައިވާ ފަރާތްތައް ހިމެނެއެވެ. މީގެ އިތުރުން މިހާރުވެސް އިމާމުކަމާއި ޚަޠީބުކަން ކުރައްވަމުންދާ، އުމުރުން 30 އަހަރު ނުފުރޭ ޒުވާނުންނަށް ވެސް މި މަހާސިންތާގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑިއަކީ ކުރިއަށް އޮތް 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.

އެހެންކަމުން، ޝަރުތު ހަމަވާ އަދި ބައިވެރިވާން ބޭނުންވާ ހުރިހާ ޒުވާނުން ވެސް ކަނޑައެޅިފައިވާ ވަގުތުގެ ކުރިން އޮންލައިން ލިންކު މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ފުރިހަމަކޮށް ހުށަހެޅުމަށް އެ ވުޒާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ފަހުގެ
HDC