
--
ދުނިޔޭގައި އުފެދުނު އެންމެ މަގުބޫލު އެއް ސިޓްކޮމް ކަމަށްވާ "ފްރެންޑްސް"، ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ނެޓްފްލިކްސް ލައިބްރަރީއަށް އަލުން ރަސްމީކޮށް އަތުވެއްޖެއެވެ.

"ފްރެންޑްސް" އަކީ ކުރިން ނެޓްފްލިކްސްގައި އެންމެ ގިނަ މީހުން ބަލަމުންދިޔަ އެންމެ އަގުބޮޑު އެއް ސީރީޒްއެވެ. ނަމަވެސް، ވާނާ ބްރަދާސް ޑިސްކަވަރީ އިން އެމީހުންގެ އަމިއްލަ ސްޓްރީމިންގް ސާވިސް "އެޗް ބީ އޯ މެކްސް" ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތައާރަފްކުރަން ފެށުމާއެކު، ގައުމަކަށްފަހު ގައުމަކުން މި ސީރީޒް ނެޓްފްލިކްސްއިން އުނިކުރަމުން ދިޔައެވެ.
އެގޮތުން އެންމެ ފުރަތަމަ 2020 ގައި އެމެރިކާއިން މި ސީރީޒް ނެޓްފްލިކްސްއިން ނެގި އިރު، އެންމެ ފަހުން 2025 ގެ ފަހުކޮޅު ޔޫކޭ އިން ވެސް މި ސީރީޒް ވަނީ ނެޓްފްލިކްސްއިން އުނިކޮށްފައެވެ.
ނެޓްފްލިކްސްއިން ވަކިވެފައި އޮތް ދުވަސްވަރު ވެސް މި ސީރީޒްގެ މަގުބޫލުކަން ކުޑައެއް ނުވެއެވެ. ނެޓްފްލިކްސްގެ ރިޕޯޓްތައް ދައްކާގޮތުން، 2023 އާއި 2025 އާ ދެމެދު އެކަނިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން ވަނީ 2.22 ބިލިއަން ގަޑިއިރަށްވުރެ ގިނަ އިރު މި ސީރީޒް ބަލާފައެވެ. އެއީ ގާތްގަނޑަކަށް 244.5 މިލިއަން ވިއުސްއެވެ.
ޚަބަރުތައް ބުނާ ގޮތުގައި، ޖުލައި 2 އިން ފެށިގެން ދުނިޔޭގެ ބޮޑެތި 5 މާކެޓެއް ފިޔަވައި އެހެން ހުރިހާ ގައުމެއްގެ ނެޓްފްލިކްސްއަށް "ފްރެންޑްސް" ވަނީ އަތުވެފައެވެ. މިއިން އިސްތިސްނާވާ ގައުމުތަކަކީ ކެނެޑާ، ޔޫކޭ، ޖަރުމަނު، އިޓަލީ އަދި އެމެރިކާއެވެ.
މި ގައުމުތަކުގައި މި ސީރީޒް ކުރިއަށް އޮތް ތަނުގައި ވެސް އެކްސްކްލޫސިވްކޮށް ފެންނާނީ "އެޗް ބީ އޯ މެކްސް" އިންނެވެ.
ނަމަވެސް އިންޑިއާ، ސައުތު އެފްރިކާ އަދި ޖަޕާނަށް މިއަހަރުގެ މާރިޗު މަހު ވެސް މި ސީރީޒް ވަނީ ނެޓްފްލިކްސްއަށް ލިބިފައެވެ.






