logoEN
WAMCO TOP 1
ރާއްޖޭގެ މޫސުމީ އިސްތިރާތީޖީގެ ތެރޭގައި 'ބްލޫ ކާބަން' ހިމަނައި، ކަނޑޫފާތައް އާލާކުރުމަށް އިސްކަންދެނީ

ރާއްޖޭގެ މޫސުމީ އިސްތިރާތީޖީގެ ތެރޭގައި 'ބްލޫ ކާބަން' ހިމަނައި، ކަނޑޫފާތައް އާލާކުރުމަށް އިސްކަންދެނީ

އަހުމަދު ޝުރާއު

logo

7/2/2026, 3:52:59 PM

# އެންވަޔަރަމަންޓް މިނިސްޓްރީ

-

އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫ.އެން އެސްކެޕް) އިން އިންތިޒާމުކޮށްގެން ބޭއްވި ތިމާވެއްޓާއި ތަރައްޤީއާ ބެހޭ ކޮމިޓީގެ ނުވަވަނަ ބައްދަލުވުމުގެ ހަވާސާގައި ބޭއްވި "ބްލޫ ކާބަން ފައިނޭންސް" ޚާއްސަ އިވެންޓުގައި ދިވެހިރާއްޖޭގެ ފަރާތުން ތިމާވެއްޓާ ބެހޭ ވަޒީރު އަލީ ޝަރީފް ބައިވެރިވެވަޑައިގެން ތަޤުރީރު ކުރައްވައިފިއެވެ.

THE TRAVELLER AD

ބައިނަލްއަގުވާމީ މަންދޫބުން ބައިވެރިވި މި އިވެންޓުގައި ދެއްވި ތަޤުރީރުގައި މިނިސްޓަރު ވިދާޅުވީ، ދިވެހިރާއްޖެ ފަދަ ނާޒުކު ޖަޒީރާ ޤައުމަކަށް މޫދުވިނައިގެ މައިދާންތަކާއި ކަނޑޫފާތަކަކީ ހަމައެކަނި ކާބަން ރައްކާކުރާ ގުދުރަތީ ނިޒާމުތަކެއް ނޫން ކަމަށެވެ. އެއީ ރާއްޖޭގެ ރަށްތަކުގެ ސަލާމަތާއި، ކާނާގެ ރައްކާތެރިކަމާއި، ރައްޔިތުންގެ ދިރިއުޅުމުގެ މައިގަނޑު އަސާސް ކަމުގައި މިނިސްޓަރު ޚާއްސަގޮތެއްގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ހިމާޔަތްކުރުން އިތުރުކުރުމަށާއި، ޤައުމީ ފެންވަރުގައި އެކުލަވައިލާ މޫސުމީ އިސްތިރާތީޖީތަކުގެ ތެރޭގައި 'ބްލޫ ކާބަން' ނުވަތަ ކަނޑުގެ މާހައުލުން ކާބަން ދަމައިގަތުމުގެ ނިޒާމު ހިމެނުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް މިނިސްޓަރު އަލީ ޝަރީފް އަލިއަޅުއްވާލެއްވިއެވެ. ވަކިން ހާއްސަކޮށް، ކަނޑޫފާތައް އާލާކުރުން ފަދަ ގުދުރަތީ ނިޒާމުތަކަށް ބަރޯސާވެގެން ހޯދޭ ދެމެހެއްޓެނިވި ހައްލުތައް ރާއްޖޭގައި ފުޅާކުރުމަށް މިހާރުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭކަން އޭނާ ބައިނަލްއަގުވާމީ މުޖުތަމައަށް ހާމކޮށްދެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، ބްލޫ ކާބަން މަޝްރޫޢުތަކަށް ބޭނުންވާ ބޮޑެތި ފައިސާގެ އެހީތެރިކަން ހޯދުމުގައާއި، ކާބަން މިނެކިރާނެ އެއްގޮތް ދެނެގަންނަ އުސޫލުތަކެއް ކަނޑައެޅުމުގައި ސަރަޙައްދީ ފެންވަރުގައި ގައުމުތައް ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް ބާރުއެޅުއްވިއެވެ. އަދި މިފަދަ ތިމާވެށީގެ ބޮޑެތި މަސައްކަތްތަކުގެ ސަބަބުން އެކި ރަށްރަށުގެ ދަށު ފަންތީގެ މުޖުތަމައުތަކަށް ބާރުވެރިކަން ލިބި، ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްޤީއާއި އިގްތިސާދީ ތަނަވަސްކަމަށް ބޮޑު މަގަކުން މަގުފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އިވެންޓަކީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ ނުރައްކާތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމާއި، ތިމާވެށި ހިމާޔަތްކުރުގެ ދާއިރާއިން އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަގުފަހިކުރުމުގެ މަގުސަދުގައި ބޭއްވުނު މުހިންމު ބައްދަލުވުމެކެވެ.

ކޮމެންޓް
ފަހުގެ
HDC