logoEN
WAMCO TOP 1
ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ސިނގިރޭޓާއި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަކުރުމުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

އަހުމަދު ޝުރާއު

logo

7/2/2026, 3:37:08 PM

# ރައީސް މުއިއްޒު

-

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނަށް 20 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ރަސްމީކޮށް ތަޞްދީޤުކުރައްވައިފިއެވެ.

THE TRAVELLER AD

މި ބިލަކީ މިދިޔަ ބުދަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާ އެކު، މިހާރު ވަނީ މި އިޞްލާޙަށް ރަސްމީކޮށް ޢަމަލުކުރަން ފަށާފައެވެ.

މި ގެނެވުނު މުހިންމު އިޞްލާޙުގެ ދަށުން، ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓްސް (ރޯކުރުމަކާ ނުލާ ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ އުފެއްދުންތައް) އިން ވަކިވަކިން ނަގާ ސްޕެސިފިކް ޑިއުޓީ 4 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރުން، މި ތަކެތިން ނަގާ އެޑްވެލޮރަމް ޑިއުޓީގެ އަދަދު 30 އިންސައްތައަށް ދަށްކުރުމަށް ވެސް މި ބިލުގައި ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން ހާމަކުރާ ގޮތުގައި މި ބަދަލަކީ ބޭރުގެ ކަމާބެހޭ އިދާރާތަކުގެ ލަފާގެ މަތިން ގެނެވުނު ބަދަލެކެވެ.

މި ބިލުގައި ދުންފަތުގެ އިސްތިޢުމާލުކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކަށް ހިތްވަރުދިނުމުގެ ގޮތުން ވެސް ޚާއްސަ މާއްދާއެއް ވަނީ ހިމަނާފައެވެ. އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުވުމަށް ނުވަތަ ދުންފަތް ހުއްޓާލުމަށް ޚާއްޞަކޮށް ތައްޔާރުކޮށްފައި ހުންނަ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ އެހެނިހެން އެހީތެރިވެދޭ ބާވަތްތަކުން އެއްވެސް ޑިއުޓީއެއް ދައްކަން ނުޖެހޭގޮތަށް (ޑިއުޓީ ފްރީ ކުރަން) ވަނީ ނިންމާފައެވެ. މިއީ މިފަދަ ތަކެތި އާންމުންނަށް ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެކެވެ.

މި އިޞްލާޙާއެކު ކަސްޓަމްސް އާއި ކަމާބެހޭ ވުޒާރާތަކުން ކުރަންޖެހޭ ގަވާއިދުތައް އިޞްލާޙުކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެއެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީއަށް މި ގެނެވުނު ބަދަލާއެކު، ބާޒާރުގައި ސިނގިރޭޓް ފޮއްޓެއްގެ އަގު ކުރިއަށް އޮތް ދުވަސްތަކުގައި ވަރަށް ބޮޑަށް ހެޔޮވެގެންދާނެ ކަމަށް ވިޔަފާރިވެރިން ލަފާކުރެއެވެ.

ކޮމެންޓް
ފަހުގެ
HDC