
--
ބަދިގެއެއްގެ ކައުންޓަރޓޮޕަކީ ކެބިނެޓްތަކާއި ތަޅުންގަނޑު ފަދައިން މުޅި ބަދިގޭގެ ރޫހު ކަނޑައަޅައިދޭ ވަރަށް މުހިންމު ބައެކެވެ.

ނަމަވެސް، އިންޓީރިއާ ޑިޒައިނަރުން ހާމަކުރާ ގޮތުގައި ބައެއް ކުލަތަކުގެ ސަބަބުން ބަދިގެ ފެނިގެންދާނީ ވަރަށް ބާ ނުވަތަ ފޫހި ގޮތަކަށެވެ.
އެގޮތުން ބަދިގެއަށް އެންމެ ކަމުނުދާ 5 ކުލަ އާއި، އެ ކުލަތައް ބަދަލުނުކޮށް ބަދިގެ ރީތިކޮށްލެވޭނެ ގޮތްތައް ތިރީގައި އެވަނީއެވެ.
1. ހުދު ކުލަ

ގިނަ ބަޔަކު ހުދު ކުލައަކީ ބަދިގެއަށް އެންމެ ގުޅޭ ކުލަ ކަމަށް ދެކުނަސް، މާ ބޮޑަށް ދިއްލޭ ސާފު ހުދު ކައުންޓަރޓޮޕްތަކުގެ ސަބަބުން ބަދިގެ ތަންކޮޅެއް ގިނަ ދުވަސް ވެފައި ހުރި ތަނެއްގެ ވައްތަރު ޖަހައެވެ. މިކަން ބަދަލު ކޮއްލަން ގުދުރަތީ ކުރެހުންތައް ހުންނަ މާބްލް ނުވަތަ ލަކުޑީގެ ބޭނުން ކުރާށެވެ.ނުވަތަ ރިހި-ނޫކުލައިގެ ތަކެއްޗާއި، އަލި ކުލަތަކުގެ ބޯތަށިތަކާއި އާޓްވޯކް ބޭނުންކޮށްގެން ފޫހިކަން ކަނޑުވާލެވިދާނެއެވެ.
2. މުށި ކުލަ

2000 ގެ އަހަރުތަކުގައި ބޭނުންކުރި ކަޅު ކުލައިގެ ތިކިތައް ޖެހި މިފަދަ ގްރެނައިޓްތަކުގެ ސަބަބުން ބަދިގެ ހީވަނީ ބާވެފައި އޮތް ކަޅުކުލައިގެ ކައުންޓަރޓޮޕްއެއް ހެންނެވެ. މުށި ކުލައިގެ އަސަރު ކުޑަކުރުމަށްޓަކައި، ކެބިނެޓްތަކާއި ފާރުތަކުގައި ކްރީމް ނުވަތަ ބޭޖް ކުލަ ބޭނުންކުރާށެވެ.
3. ރަތް ކުލަ

ގަދަ ރަތް ކުލައަކީ ބަދިގެއަށް މާ ބޮޑަށް ގަދަވެގަންނަ، ބަލާލަން އުނދަގޫ ކުލައެކެވެ. މިއީ ބަދިގެތެރޭގައި ހަމަޖެހުމުގެ ބަދަލުގައި ހަލަބޮލިކަން އުފައްދާ ކުލައެކެވެ. ރަތް ކުލަ ބޭނުންކުރަން ބޭނުންނަމަ މެރޫން، ބާގަންޑީ ނުވަތަ ޓެރަކޮޓާ ފަދަ ކުލަތައް ޚިޔާރުކުރާށެވެ. އަދި ކައުންޓަރޓޮޕް ބަދަލުނުކުރެވޭ ނަމަ، ކެބިނެޓްތައް މަޑު ނިއުޓްރަލް ކުލައަކަށް ބަދަލުކޮށްލާށެވެ.
4. ރީނދޫ ކުލަ

'90 ގެ އަހަރުތަކުގެ މަގުބޫލު މަސްޓަޑް ރީނދޫ ނުވަތަ ޓަސްކަން ރީނދޫ ކުލައަކީ މިހާރުގެ ބަދިގެތަކާ އެހާ ގުޅޭ ކުލައެއް ނޫނެވެ. މީގެ ސަބަބުން ބަދިގެ ބާވެފައިވާހެން ހީވެއެވެ. ޒަމާނާ ގުޅުވާލަން މިކުލައިގެ ބަދިގެއެއްގައި ކުރީގެ ވައްތަރުގެ ބްރާސް ނުވަތަ ބްރޮންޒްގެ ހޭންޑްލްތައް ބޭނުންކުރާށެވެ. އަދި ފާރުތަކުގައި މަޝްރޫމް ނުވަތަ ޓޯޕް ކުލަ ބޭނުންކުރުމުން ހުރިހާ އެއްޗެއް ގުޅޭނެއެވެ.
5. ފެހި ކުލަ

ފެހި ކުލައިގެ ކެބިނެޓްތައް ރީތިވި ނަމަވެސް، ކައުންޓަރޓޮޕްގައި ގަދަ ފެހި ކުލައި ބޭނުންކުރުމަކީ ބަދިގެ ހުތުރުކޮށްލާ ކަމެކެވެ. ނަމަވެސް ފެހި ކުލައަށް ލޯބިކުރާ ނަމަ، އާދައިގެ ކުލައެއްގެ ބަދަލުގައި ފެހި ކުލައިގެ ރާޅުތައް ހުންނަ މާބްލް ނުވަތަ ގްރެނައިޓް ބޭނުންކުރާށެވެ. އަދި މިއާ ގުޅުވައިގެން ކެބިނެޓްތަކުގެ ކުލަ ކަސްޓަމައިޒް ކޮށްލާށެވެ.





