
ބެޑްޝީޓާއި ބާލިސްއުރަތަކުގައި މިކަހަލަ ލައްތައް ހުރޭތަ؟ މިއޮތީ މިކަމަށް ފަސޭހަ ހައްލެއް!
# ލައިފް ހެކްސް--
ކޮޓަރިތެރެ ސާފުތާހިރުކޮށް ރީތިކޮށް ބެހެއްޓުމަށްޓަކައި ހުދުކުލައިގެ ބާލީސްއުރައާއި ރަޖާ ބޭނުންކުރުމަކީ ގިނަ ބައެއްގެ އާދައެކެވެ. ނަމަވެސް ދުވަސްވުމުން ބާލީސްތަކާއި ރަޖާގައި ރީނދޫ ކުލައިގެ ލައްތައް ޖެހުމަކީ ދިމާވާ ވަރަށް އާންމު މައްސަލައެކެވެ.

މިއީ ހަށިގަނޑުން ހިއްލާ ދަލާއި، ހަމުގައި ހުންނަ ތެޔޮކަމާއި، މޫނުގައި އުނގުޅާ ކްރީމްތަކުގެ އިތުރުން އިސްތަށިގަނޑުގައި ލާ ތެލުގެ ސަބަބުން ދިމާވާ ކަމެކެވެ. ގިނަ ބަޔަކު މިފަދަ ލައްތައް ފިލުވަން ބްލީޗް ބޭނުންކުރި ނަމަވެސް، މާ ރަނގަޅު އަދި ފޮތިގަނޑަށް ގެއްލުން ނުވާނެ ގޮތެއް އިނގިފައި އޮތުން މުހިންމެވެ.
ބެޑިންގ ސެޓް އުފައްދާ ތަޖުރިބާކާރުން ބުނާ ގޮތުގައި، ކޮންމެ ބަދިގެއެއްގައި ވެސް ހުންނާނެ ދެ އެއްޗެއް ބޭނުންކޮށްގެން މި މައްސަލައަށް ފަސޭހައިން ހައްލެއް ހޯދިދާނެއެވެ. އެއީ ބޭކިން ސޮޑާ އާއި ތަށި ދޮންނަން ބޭނުންކުރާ ލިކުއިޑް ސޯޕެވެ. މި ދެބާވަތް އެއްކޮށްލުމުން ފޮތިގަނޑުގައި ހުންނަ ލައްތައް ފިލައިގެން ދެއެވެ. މިއީ ބްލީޗާ ޚިލާފަށް ކުލަ ފަނޑުވުމާއި ފޮތިގަނޑު ހަލާކުވުމުން ރައްކާތެރިކޮށްދޭ ގޮތެކެވެ.
މިގޮތަށް ސާފުކުރުމަށްޓަކައި ބޮޑު ބާލިދީއަކަށް ފެން އެޅުމަށްފަހު، ބައި ޖޯޑު ބޭކިން ސޮޑާ އާއި ލިކުއިޑް ސޯޕްގެ ހަތަރުބައިކުޅަ އެއްބައި އަޅައި އެއްކޮށްލާށެވެ. އޭގެ ފަހުން ލައްޖެހިފައިވާ ބާލީސްއުރަތަކާއި ރަޖާ އެ ފެންގަނޑުގެ ތެރޭގައި އެއްރޭ ވަންދެން ބާއްވާލާށެވެ އަނެއްދުވަހު ހެނދުނު އެތަކެތި ދޮންނަ މެޝިނަށްލައި، އާންމުކޮށް ބޭނުންކުރާ ދޮންނަ ކުނޑީގެ އިތުރުން ދެ ޖޯޑު ހުދު ވިނެގަރ އަޅައިގެން ދޮވެލާށެވެ.
މިގޮތަށް ދޮވުމަށްފަހު އެންމެ މުހިންމު ކަމަކީ އަވީގައި ހިއްކުމެވެ. އިރުގެ ދޯދިތަކުގެ ސަބަބުން ފޮތިގަނޑު އިތުރަށް ހުދުވެ، އޭގައި ހުންނަ ނުބައި ވަސްތައް މުޅިން ފިލައިގެންދެއެވެ. މީގެ އިތުރުން ވަރަށް ބޮޑަށް ހަރުލާފައި ހުންނަ ލައްތައް ފިލުވުމަށްޓަކައި ބޭކިން ސޮޑާ އާއި ހައިޑްރޮޖަން ޕެރޮކްސައިޑް އެއްކޮށް ކުޑަ ޕޭސްޓެއް ހަދައި، ލައް ހުރި ދިމާލުގައި 30 މިނެޓު ވަންދެން އުނގުޅާފައި ބެހެއްޓިދާނެއެވެ. ނުވަތަ ލުނބޯ ހުތާއި ވިނެގަރ އެއްކުރި ހޫނުފެނުގައި ފޮތިގަނޑު ފޯކޮށްލުމަކީ ވެސް މޮޅު ގޮތެކެވެ.
މި މައްސަލައިން މުޅިން ސަލާމަތްވުމަށްޓަކައި މަދުވެގެން ހަފުތާއަކު އެއްފަހަރު ބާލީސްއުރަތައް ދޮވުމާއި، ނިދުމުގެ ކުރިން ފެންވަރައި ހަށިގަނޑު ސާފުކުރުމަކީ ފޮތިގަނޑުގައި ތެޔޮ ހަރުލުން ހުއްޓުވައިދޭނެ ކަމެކެވެ.



