
--
ހިންދީ ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މި ފެށޭ ޖުލައި މަހަކީ ވަރަށް ފޯރިގަދަ މަހެކަށް ވާނެކަން ޔަގީނެވެ.

ބޮޑެތި އެކްޝަން ތްރިލަރ ފިލްމުތަކާއި، ގިނަ ދުވަސްތަކެއް ވަންދެން އިންތިޒާރު ކުރެވުނު ކޮމެޑީތަކުގެ އިތުރުން ލޯބީގެ ފިލްމުތައް ވެސް މި މަހު ސިނަމާތަކަށް އަންނާނެއެވެ.
1. އަލްފާ
އެގޮތުން މިމަހު 3 ވަނަ ދުވަހު އެންމެ ފުރަތަމަ ސިނަމާތަކަށް އަންނާނީ ޔާޝް ރާޖް ފިލްމްސްގެ މަޝްހޫރު 'ސްޕައި ޔުނިވަރސް' ގެ ފިލްމު "އަލްފާ" އެވެ. ޝިވް ރަވައިލް ޑައިރެކްޓްކުރާ، އަދި އަންހެން ތަރިން އިސްކޮށްގެން އުފައްދާ މި އެކްޝަން ފިލްމުގައި ފެނިގެންދާނީ ސުޕަރސްޓާރ އާލިއާ ބަޓް އާއި ޒުވާން ތަރި ޝަރްވަރީ، އެލީޓް ސިއްރު އެޖެންޓުންގެ ގޮތުގައެވެ. މީގެ އިތުރުން ބޮބީ ޑިއޯލް އާއި އަނިލް ކަޕޫރު ވެސް މި ފިލްމުން ފެނިގެންދާނެއެވެ.
2.ބޭބީ ދޯ ޑައި ދޯ
ހަމަ އެ ދުވަހު ރިލީޒްކުރާ އަނެއް ފިލްމަކީ އިންޑިއާގެ ފުރަތަމާ "ދޭސީ ހިޓްވުމަން" ކްރައިމް ކޮމެޑީ-ތްރިލަރ "ބޭބީ ދޯ ޑައި ދޯ" އެވެ. ނަޗިކެތު ސަމާންތު ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މަންމަނު އަދި ބީރު އަންހެނެއް ކަމަށްވާ ބޭބީ ކަރްމާރްކަރްގެ މައްޗަށެވެ. ހުމާ ގްރޭޝީ މައި ރޯލު ކުޅޭ މި ފިލްމުގައި އޭނާއަށް އިވެނީ ހަމައެކަނި މަރުވެފައިވާ އޭނާގެ ކޮއްކޯގެ އަޑެވެ. މި ސިއްރު ބާރުގެ އެހީގައި އޭނާ މުމްބާއީގެ ނުރައްކާތެރި ކުށްވެރިންގެ ދުނިޔެއަށް ވަދެ، އެކި މީހުން މަރަން ފަށާއިރު، ފިލްމުން ސިކަންދަރް ކެރް، ޗަންކީ ޕާންޑޭ އަދި ސީމާ ޕަހްވާ ވެސް ފެނިގެންދާނެއެވެ.
3.ދަމާލް 4
ޖުލައި މަހުގެ 10 ވަނަ ދުވަހު ބޮޑުސްކްރީނަށް އަންނަނީ އިންޑިއާގެ އެންމެ މަގުބޫލު އެއް ކޮމެޑީ ފްރެންޗައިޒްގެ ހަތަރުވަނަ ބައި ކަމަށްވާ "ދަމާލް 4" އެވެ. އިންދްރަ ކުމާރު ޑައިރެކްޓްކުރާ މި ފިލްމުން އަސްލު 'ދަމާލް' ގޭންގު ކަމަށްވާ އަޖޭ ދޭވްގަން، އަރްޝަދު ވަރްސީ، ރިތޭޝް ދޭޝްމުކް އަދި ޖާވިދު ޖެފްރީ އެނބުރި އަންނާނެއެވެ. މީގެ އިތުރުން ރަވީ ކިޝަން އާއި ސަންޖޭ މިޝްރާ ވެސް ފެނިގެންދާ މި ފިލްމުގައި، އަނެއްކާވެސް ބޮޑު ޚަޒާނާއެއް ހޯދުމުގެ ދަތުރެއްގައި ދިމާވާ މަޖާ އަދި ހަލަބޮލި ހާދިސާތަކެއް ފެނިގެންދާނެއެވެ.
4. ދަ އިންޑިއާ ސްޓޯރީ
ޖުލައި މަހުގެ 24 ވަނަ ދުވަހު ދެ ފިލްމެއް ރިލީޒްކުރަން ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ ފިލްމަކީ ކާޖަލް އަގަރްވާލް، ޝްރެޔަސް ތަލްޕަޅޭ އަދި މުރްލީ ޝަރްމާ ފެނިގެންދާ އަސަރުގަދަ ހިއުމަން ޑްރާމާ "ދަ އިންޑިއާ ސްޓޯރީ" އެވެ. ޗޭތަން ޑީކޭ ޑައިރެކްޓްކުރާ "ދަ އިންޑިއާ ސްޓޯރީ" ބިނާވެފައިވަނީ އާދައިގެ ރައްޔިތުންތަކަކަށް ދިމާވާ އާދަޔާޚިލާފު ބޮޑެތި ކަންތައްތަކެއްގެ މައްޗަށެވެ.
5. ތޭރާ ޔާރް ހޫން މޭން
ހަަމަ އެދުވަހު ދެން ރިލީޒްކުރަން ހަމަޖެހިފައިވަނީ މިލާޕް ޒަވޭރީ ޑައިރެކްޓްކުރާ "ތޭރާ ޔާރް ހޫން މޭން" އެވެ. "ތޭރާ ޔާރް ހޫން މޭން" އަކީ ޒުވާން ލޯތްބާއި އާއިލީ ގުޅުންތަކުގެ މައްޗަށް ހަދާފައިވާ ހިތްގައިމު ޑްރާމާއެކެވެ. އަމާން އިންދްރަ ކުމާރު އަދި އަކަންކްޝާ ޝަރްމާ ފަދަ ޒުވާން ތަރިންނާއެކު ތަޖުރިބާކާރު އެކްޓަރު ޕަރޭޝް ރާވަލް އާއި ޖޯނީ ލީވަރ ފެނިގެންދާ މި ފިލްމުގައި، މިޒަމާނުގެ ހަލުވި ދުނިޔޭގައި ދެ ޖީލެއްގެ ދެމެދުގައި އޮންނަ ގުޅުންތައް ދައްކުވައިދޭނެއެވެ.






