އާންމުންނަށް ބީއެމްއެލްގައި ޑޮލަރު އިންވެސްކުރެވޭގޮތް ހަދައިފި
# އިންވެސްޓްމަންޓްސް# ބޭންކް އޮފް މޯލްޑިވްސް"ޗެޓް ވިތު ސީއީއޯ"ގެ ނަމުގައި ބީއެމްއެލްއިން ހޮޓެލް ޖެންގައި ބޭއްވި ޙަފްލާގެ ތެރެއިން ސީއީއޯ ޝަރީފް- ފޮޓޯ: ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން "އިންވެސްޓްމަންޓްސް" ގެ ނަމުގައި އާ ހިދުމަތެއް ތައާރަފްކޮށް، އާންމުންނަށް ބޭންކުގައި ޑޮލަރު އިންވެސްކުރެވޭނެ ގޮތް ހަދައިފި އެވެ.

"ޗެޓް ވިތު ސީއީއޯ" ގެ ނަމުގައި ބީއެމްއެލް އިން މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައި މި ހިދުމަތް ތައާރްފަކޮށްފައިވާއިރު، ކޮންމެ ދުވަހަކަށް ހުޅުވާލެވޭ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގެ ތެރެއިން އެވަގުތަށް އިންވެސްޓްކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ޕޫލްތަކުގެ މައުލޫމާތު ލިބިގަތުމާއެކު، އިންވެސްޓްކުރުމުގެ މުއާމަލާތް އޮންލައިންކޮށް ފަސޭހަކަމާއެކު ފުރިހަމަކުރެވޭނެ ގޮތް ބޭންކްގެ މޯބައިލް އެޕް އަދި އިންޓަނެޓް ބޭންކިންގް ތެރެއިން ވަނީ ތައާރަފުކޮށްފަ އެވެ.
ބޭންކުން ބުނީ އިންވެސްޓްކުރާ ޑޮލަރުގެ އަދަދަށްވާ ދިވެހި ރުފިޔާ އިންވެސްޓްކުރާ ފަރާތުގެ އެކައުންޓަށް ވަގުތުން ޖަމާވާނެ ކަމަށެވެ. އަދި އިންވެސްޓްމަންޓްގެ ފައިދާ ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ ރުފިޔާ އެކައުންޓަށް ޖަމާވާނެ ކަމަށްވެސް ބޭންކުން ބުންޏެވެ.
އިންވެސްޓްމެންޓްތައް ހުޅުވާލެވިފައި ވަނީ އެކި މިންވަރަށް ފައިދާ ލިބޭ ޕޫލްތަކުގެ ގޮތުގައިކަމަށް ވާއިރު، %25 އާ ހަމަޔަށް ފައިދާ ލިބޭނެ ފުރުސަތު ފަހިވެގެންދާނެކަމަށް ބީއެމްއެލުން ބުނެ އެވެ.
މި ހަފްލާގައި ވާހަކަދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ މިހާރު ރާއްޖެއިން ބޭރުން ހިދުމަތް ހޯދުމަށާއި ތަކެތި ގަތުމަށް ޑެބިޓް ކާޑާއި ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް މަހެއްގެ މައްޗަށް ވިއްކޭ ޑޮލަރުގެ އަދަދު ފާއިތުވި 5 އަހަރުގެ ތެރޭގައި 3.7 ގުނަ އިތުރުވެ އެވްރެޖްކޮށް މަހަކަށް 39.3 މިލިއަން ޑޮލަރު ވިއްކަމުންދާ ކަަމަށެވެ. އަދި މި ހިދުމަތް ލިބިގަންނަ ކަސްޓަމަރުންގެ އަދަދު 2 ގުނަ އަށްވުރެ ބޮޑުވެފައިވާއިރު، ކޮންމެ މަހަކަށް ދެލައްކަ ފަންސާސް ހާހާއި ތިންލައްކަ އާއި ދެމެދުގެ އަދަދަކަށް މީހުން ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރަމުންދާ ކަމަށް ސީއީއޯ ފާހަގަކުރެއްވި އެވެ.
"ޗެޓް ވިތު ސީއީއޯ"ގެ ނަމުގައި ބީއެމްއެލްއިން ހޮޓެލް ޖެންގައި ބޭއްވި ޙަފްލާގެ ތެރެއިން- ފޮޓޯ: ބީއެމްއެލް
ބޭންކުން ބުނީ މިކަމުގެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑާ އީ-ކޮމާސް) އިތުރުވެގެން ދިއުން ކަމަށެވެ. އަދި މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް ކަމަށް ބޭންކުން ބުނި އެވެ.
"ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި. ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް" ބޭންކުން ފާހަގަކުރި އެވެ.
މީގެއިތުރުން ބުނީ މި ކުރިއެރުމަކީ ރާއްޖޭގެ އިގްތިސާދަށާއި ޑިޖިޓަލް ބޭންކިންގ އަދި މާލީ ޚިދުމަތްތަކުގެ ދާއިރާއަށް އައި ބޮޑެތި ކުރިއެރުންތައް ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި މި ހިދުމަތާއެކު ގިނަ ފަރާތްތަކުގެ ތަނަވަސްކަން އިތުރުވުން، ދުނިޔޭގެ ޑިޖިޓަލް ބާޒާރުގައި ހަރަކާތްތެރިކަމާއެކު ބައިވެރިވުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.
ގުޅުންހުރި
އާންމުންނަށް ބީއެމްއެލްގައި ޑޮލަރު އިންވެސްކުރެވޭގޮތް ހަދައިފި

ގައުމީ ބޭންކުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް 30 ވީލްޗެއާ ހަދިޔާކޮށްފި

ބީއެމްއެލްގެ ޑޮލަރު ޑެބިޓް ކާޑަށް އަލަށް އެޕްލައިކުރާ ފަރާތްތަކަށް ބޮޑު އިނާމެއް ހޯދުމުގެ ރަން ފުރުޞަތެއް!




