
-
ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ބަދަލެއް ގެނެސްދީފައިވާ "ރާއްޖެ ޓްރާންސްޕޯޓް ލިންކް" (އާރް.ޓީ.އެލް) ގެ ވިއުގަ، ކުރިއަށްއޮތް 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އެއްކޮށް ގާއިމުކޮށް ނިންމުމަށް ވަޒީރުންގެ މަޖިލީހުން ނިންމައިފިއެވެ.

މި މުހިންމު ނިންމުން ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ބައްދަލުވުމުގައެވެ.
މި ނިންމުމާ ގުޅިގެން ސަރުކާރުން ހާމަކުރި ގޮތުގައި، ކަނޑައެޅިފައިވާ ސުންގަޑިއަށް މުޅި ރާއްޖޭގައި މި ޚިދުމަތް ފެއްޓެވުމަށްޓަކައި ކުރައްވަންޖެހޭ އެންމެހާ ކަންކަން، ދައުލަތުގެ ކަމާބެހޭ ހުރިހާ ވުޒާރާތަކަކުންވެސް ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުންނަށް އިރުޝާދު ދެއްވާފައެވެ. .
އާރް.ޓީ.އެލް ފެރީގެ ޚިދުމަތަކީ ރާއްޖޭގެ އެކި ޒޯންތަކަށް ބަހާލައިގެން، މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ވަރަށް ކާމިޔާބުކަމާއެކު ހިންގަމުންދާ ނިޒާމެކެވެ. ނަމަވެސް ބައެއް އަތޮޅުތަކަށް މި ޚިދުމަތް އަދިވެސް ފުރިހަމައަށް ލިބިފައިނުވާތީ، ސަރުކާރުގެ މި އައު ނިންމުމާއެކު ބާކީ ހުރި ހުރިހާ އަތޮޅެއްގެ ރަށްތަކަށްވެސް ފެރީގެ ވިއުގަ ގުޅާލުމުގެ އަމަލީ މަސައްކަތްތައް އެމްޓީސީސީއާ ގުޅިގެން ވަރަށް އަވަހަށް ފެށިގެންދާނެއެވެ.
ވަޒީރުންގެ މަޖިލީހުން މި މަޝްރޫޢު އަވަސްކުރުމަށް ނިންމި ނިންމުމާއެކު، ކުރިއަށް އޮތް މަސްތަކުގައި އައު ފެރީތައް ބަނުމާއި، ފެރީ ޓާމިނަލްތައް ހެދުމުގެ މަސައްކަތްތައް މުޅި ރާއްޖޭގައި ދިމާލަށް ފެތުރިގެންދާނެ ކަމަށް ބެލެވެއެވެ.






