logoEN
PNC TOP 3
އާރްޓީއެލްގެ ސްޕީޑު ބާރު ފެރީތަކުން މުޅި ލާމު ގުޅުވާލައިފި

އާރްޓީއެލްގެ ސްޕީޑު ބާރު ފެރީތަކުން މުޅި ލާމު ގުޅުވާލައިފި

އަހުމަދު ޝުރާއު

logo

3/31/2026, 4:27:21 PM

# އާރްޓީއެލް

-

ލ.އަތޮޅުގައި އާރުޓީއެލް ފެރީގެ ޚިދުމަތް ފަށައިފިއެވެ.

PNC MID 2

އާރްޓީއެލްގެ ހިދުމަތް ލ އަތޮޅުގައި ފެށުމަށް ލ.ފޮނަދޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޚިދުމަތް ފައްޓަވައިދެއްވީ، ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤު އިބްރާހީމެވެ.

ލ އަތޮޅުގައި ޚިދުމަތް ދިނުމަށް 2 ލޯންޗު ބޭނުން ކުރެއެވެ. އެއީ، 48 މީހުންގެ ޖާގައިގެ ޒަމާނީ ލޯންޗުތަކެކެވެ. މީގެ ތެރެއިން 4 ޖާގަ ޚާއްސަކޮށްފައިވަނީ، އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ.

މި ލޯންޗުތަކަކީ، އިންޑިއާ ސަރުކާރުގެ އެހީގައި ބަނދެފައިވާ ލޯންޗުތަކެކެވެ. ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް މި ޚިދުމަތް ލިބޭނެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ލ. އަތޮޅުގެ ރައްޔިތުންނަށް މި ހިދުމަތްތަކާ އަހުލުވެރިވުމުގެ ފުރުސަތު ދިނުމުގެ ގޮތުން، މިއަދުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހިލޭ ދަތުރުތައް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައި އެވެ. މި އަހުލުވެރި ކުރުމުގެ ދަތުރުތަކަށް ފަހު، 2026 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 08 ވަނަ ދުވަހުން ފެށިގެން، އާރް.ޓީ.އެލް ފެރީގެ ދަތުރުތައް ކުރިއަށް ގެންދާނީ ޓިކެޓް ނަގައިގެންނެވެ.

މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޡާރިޤް އިބްރާހީމް ވިދާޅުވީ، އާރުޓީއެލް ފެރީގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި އެ ޚިދުމަތް ވީހާވެސް އަވަހަށް ފެށުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ވަޒީރު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަަހަކަށް ރާއްޖޭގެ ހުރިހާ ރަށެއްގައި މި ޚިދުމަތް ފަށާ ދަތުރުފަތުރުގެ ނިޒާމުން ގުޅުވާލުން ކަމަށެވެ. މިފަދަ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް އިސްކަމެއް ދެއްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޚިދުމަތަކީ، އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމަށާއި، ލޯކަލް ޓުއަރިޒަމްއަށްވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ."ހުރިހާ ރަށެއް ގުޅުވާލުމުން އިޤްތިޞާދީ ގޮތުން މިއަށްވުރެ ބޮަޑަށް ކުރިއަރައިގެންދާނެ. ފެރީ ސިސްޓަމްތަކަށް ޚާއްސަ ސަމާލު ކަމެއްދީގެން މި ހިންގަނީ." ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވިއެވެ.

އާރްޓިއެލްގެ ޚިދުމަތް ފެށީ، 2022ވަނަ އަހަރުގައެވެ. ދަތުރުފަތުރުގެ ދާއިރާއިން ޚާއްޞަ އިސްކަމެއް ދޭ މަސައްކަތްތަކުގެ ތެރެއިން، ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް މި ސަރުކާރުންވެސް އަންނަނީ، މި މަސައްކަތް ކުރިއަށް ގެންދަމުންނެވެ. އެގޮތުން މިއަދު ފެށި ޚިދުމަތާއެކު މިހާތަނަށް މި ޚިދުމަތް 15 އަތޮޅެއްގައި ވަނީ ދޭން ފަށާފައެވެ. އެއާއެކު މިހާރު 145 ރަށަކަށް ދަނީ މި ޚިދުމަތް ލިބެމުންނެވެ.

މިހާރު މި ޚިދުމަތް ނުފެށި ވަނީ، މ.އަތޮޅުގެ އިތުރުން ޒޯން 3 ގައި ހިމެނޭ ކ، އއ، އދ އަދި ވ. އަތޮޅުގައެވެ.

މިއަހަރު މެދާއި ހަމައަށް ދާއިރު، މި ޚިދުމަތް ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ޤާޢިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC