
އެމްޕީއެލް ވިޔަފާރި ބަނދަރު- ފޮޓޯ: އެމްޕީއެލް
މާލެ ވިޔަފާރި ބަނދަރުގެ ބޭރު ޖެޓީގައި އަޅާފައި އޮތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބާޖަކުން ކަނޑަށް ވެއްޓުނު ކޮންޓޭނަރުތަކުގެ ތެރެއިން 2 ކޮންޓޭނަރު ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ މި ހާދިސާގައި ޖުމުލަ ފަސް ކޮންޓޭނަރު މޫދަށް ވެއްޓި އޮޔާ ގޮސްފައިވާއިރު، އޭގެ ތެރެއިން މިހާތަނަށް ދެ ކޮންޓޭނަރު ފެނިފައިވާ ކަމަށެވެ.
ބާކީ ތިން ކޮންޓޭނަރު ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ރޭގައި ވަނީ މިކަން މާލޭ ސަރަހައްދުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފަ އެވެ. އަދި ކޮންޓޭނަރުތައް ކަނޑަށް ވެއްޓި އޮޔާދާކަމުގެ މައުލޫމާތު ރޭ 23:01 ހާއިރު، އެމްޕީއެލުން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި މި ކޮންޓޭނަރުތައް އޮޔާދާނެ ކަމަށް ލަފާކުރެވޭ ދޫނިދުއާއި ފޭދޫފިނޮޅާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުން ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން، މިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ފަރުވާތެރިކަމާއެކު ދަތުރުކުރުމަށް ފުލުހުން އިލްތިމާސްކޮށްފައިވެ އެވެ.






