
-
ޒުވާނުން ބާރުވެރިކުރުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢު، މ. މުލީގައި ސަރުކާރުން ކުރިއަށްގެންދާ ކުޅިވަރާއި ހަށިހެޔޮކަމާ ގުޅުންހުރި މުހިންމު މަޝްރޫޢުތައް ހިނގަމުންދާ ގޮތް ސީދާ އެ ރަށަށް ވަޑައިގެން ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި ވަޒީރު ވަނީ މަސައްކަތްކުރާ ސައިޓްތަކަށް ވަޑައިގެން، ކޮންޓްރެކްޓަރުންނާ ބައްދަލުކުރައްވައި މަސައްކަތްތައް އަވަސްމުއްދަތެއްގެ ތެރޭގައި ނިންމުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މިވަގުތު މުލީގައި އެންމެ ބާރު ސްޕީޑެއްގައި ކުރިއަށްދަނީ ފިޓްނަސް އެންޑް ރެކްރިއޭޝަން (އެފްއާރުސީ) މަރުކަޒުގެ ޢިމާރާތް ކުރުމުގެ މަސައްކަތެވެ. ކުޅިވަރު ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ޒުވާނުންނާއި ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަމަށް ޚާއްޞަކޮށްގެން ހަދާ މި ބޮޑު މަރުކަޒުގެ ޖުމްލަ މަސައްކަތުގެ 70 އިންސައްތަ މިހާރު ވަނީ މުޅިން ނިމިފައެވެ.
މީގެ އިތުރުން، ރަށުގެ ޒުވާނުން އެންމެ ބޮޑަށް އިންތިޒާރުކުރަމުންދާ މުލީގެ އައުޓްޑޯ ޖިމްގެ މަސައްކަތްތަކާއި، ރަށުގެ ބޮޑު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. ފުޓްބޯޅަ ދަނޑު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިޔަށް އޮތީ ދަނޑުގެ ވަށައިގެން ފެންސް ޖެހުމާއި، ރޭގަނޑު ކުޅެވޭ ގޮތަށް ބޮޑެތި ލައިޓްތައް ހަރުކުރުމުގެ މަސައްކަތްތަކެވެ.
ވަޒީރު ޢަބްދުالله ރާފިޢު މުއްޔަށް ކުރެއްވި މި ޒިޔާރަތަށްފަހު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ފެންވަރު ރަނގަޅުކޮށް، ޒުވާނުންނަށް ބޭނުންވާ ފުރުޞަތުތައް ފަހިކޮށްދިނުން ކަމަށެވެ.
މުލީގައި ހިންގާ މި މަޝްރޫޢުތައް އެއްކޮށް ނިމުމުން، އެ ރަށަކީ ކުޅިވަރާއި ފިޓްނަސްގެ ދާއިރާއިން އަތޮޅު ފެންވަރުގައާއި ދެކުނުގެ ސަރަހައްދުގައި ފާހަގަކޮށްލެވޭނެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ކަމަށް މިނިސްޓްރީން އުންމީދުކުރެއެވެ.






