
-
މ.މުލީ މަގުތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މި މަޝްރޫއުގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު މ އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު މުއްޔަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.
މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޡިމް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި މުލީ ކައުންސިލްގެ ރައީސް ޝަމްޢޫން ރަމީޒް ބައިވެރިވެވަޑައިގެންނެވިއެވެ.
މުލީގެ މަގުތައް ޑިޒައިން އެންޑް ބިލްޑް އުސޫލުން ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އާރްޑީސީއާއިއެވެ. އެގޮތުން މި މަޝްރޫއު އެކުންފުންޏާއި ހަވާލުކުރީ 85,029,368.76 ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.






