
-
. ފުނަދޫގައި "އިސްރަށްވެހިންގެ ހިޔާވަހި" ޤާއިމުކުރުމުގެ މުހިންމު މަޝްރޫޢުގެ ޢަމާލީ މަސައްކަތްތައް ކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާއެކު މިއަދު ރަސްމީކޮށް ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާޢީލް ޢަލީއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، އަޙްމަދު މުބީންއެވެ.
މި މަޝްރޫޢުގެ ދަށުން ފުނަދޫގައި ބިނާކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 40 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ދެ ފަންގިފިލާގެ ޒަމާނީ ޢިމާރާތެކެވެ. މި ޢިމާރާތުގެ ތެރޭގައި އިސްރަށްވެހިންނަށް ޚާއްޞަ ސިއްޙީ ޚިދުމަތްދޭނެ މަރުކަޒަކާއި، އިދާރީ ކަންކަން ބަލަހައްޓާނެ އޮފީހެއްގެ އިތުރުން ދިރިއުޅުމުގެ އެހެނިހެން ޒަރޫރީ ޚިދުމަތްތައް ދިނުމަށް ބޭނުންވާ މުހިންމު ވަސީލަތްތައް ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، އިސްރަށްވެހިންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްޓަކައި އެކިކަހަލަ ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގާނެ ރިކްރިއޭޝަން ސަރަހައްދެއްވެސް މި ބިނާގައި ޚާއްޞަކުރެވިފައިވެއެވެ.
މިއީ ސަރުކާރުގެ ބަޖެޓުން ޖުމްލަ 37.46 މިލިއަން ރުފިޔާ ޚަރަދުކޮށްގެން، 360 ދުވަހުގެ ތެރޭގައި އެއްކޮށް މަސައްކަތް ނިންމާގޮތަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ބޮޑު މަޝްރޫޢެކެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، މި އެއްބަސްވުމާ އެއްގޮތަށް ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް ޢިމާރާތް ނިންމައި މިނިސްޓްރީއާ ހަވާލުކުރުމަށް އެ ކުންފުނިން ވަރަށް ބޮޑު އިސްކަމެއް ދޭނެއެވެ.
ށ. އަތޮޅުގެ ވެރިކަން ކުރާ ފުނަދޫއަކީ މިހާރު 4186 މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ. އެގޮތުން ފުނަދޫ އިސްރަށްވެހިންގެ ހިޔާވަހި ޤާއިމުކުރުމުގެ އަމަލީ މަސައްކަތްތައް އެއްކޮށް ނިމި ޚިދުމަތް ދޭން ފެށުމާއެކު، ރަށުގެ އިސްރަށްވެހިންނަށް ރަށުގައި ތިބެގެން ފަސޭހަކަމާއެކު ސިއްޙީ ފަރުވާގެ ޚިދުމަތްތައް ލިބި، ދުޅަހެޔޮކަން އިތުރުވުމަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި މިއީ އިސްރަށްވެހިންގެ ތަޖުރިބާގެ ބޭނުން ހިފައި، އިޖުތިމާޢީ ގޮތުން ރަށުގެ އެކުވެރިކަމާއި ދިރުން އިތުރުކުރުމަށް މުޅި ރަށަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ތާރީޚީ މަޝްރޫޢެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.





