
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފި
# ގްރެފިޓީ# ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ# އުސްގެކޮޅުފޮޓޯ: ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ
އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ ވުޒާރާއިން މީސްމީޑިއާގައި ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ދިވެހިރާއްޖޭގެ ރަސްކަމުގެ ބޮޑުގަނޑުވަރުގެ މިހާރު ހުރި ހަމައެކަނި ބައިކަމަށްވާ އުސްގެކޮޅުގެ ފާރުތަކުގައި ގްރެފިޓީ ކުރަހައި ތަނަށް ގެއްލުންދޭން ބަޔަކު މަސައްކަތްކޮށްފައިވާކަން އެ ވުޒާރާގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
އެކަން ވުޒާރާގެ ސަމާލުކަމަށް އައުމާއެކު ފުލުހުންނާ ގުޅިގެން އެކަން ހިނގާދިޔަ ގޮތާއި ޒިންމާވާ ފަރާތްތައް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އަދި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، އެ ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ޤާނޫނު) އާ އެއްގޮތްވާ ގޮތުގެ މަތީން ފިޔަވަޅު އަޅާނެ ކަމަށްވެސް ވުޒާރާއިން ހިއްސާކުރި މައުލޫމާތުގައިވެއެވެ.
އަދި އުސްގެކޮޅާއި އުސްގެކޮޅު ހިމެނޭ ސަރަޙައްދުގައި ވުޒާރާގެ ފަރާތުން ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢާ ގުޅިގެން އުސްގެކޮޅު ތަޅުދަނޑިއާއި ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކޮށްދިނުމަށް މާލޭ ސިޓީ ކައުންސިލްގައި ރަސްމީކޮށް އެދިފައިވީ ނަމަވެސް ކައުންސިލުން މިވުޒާރާއާއި މިތަން ޙަވާލުކޮށްފައިނުވާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.
އުސްގެކޮޅަކީ މީލާދީން 20ވަނަ ޤަރުނުގެ ކުރީކޮޅު އައްސުލްޠާން ޙާޖީ ޢިމާދުއްދީން (ހަވަނަ) (1903-1893) ޢިމާރާތްކުރެއްވި 100 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ގެކޮޅެކެވެ.
މިއީ އިހުގެ ބޮޑުގަނޑުވަރުގެ ބިނާތަކުގެ ތެރެއިން މިހާރު ފެންނާން ހުރި ހަމައެކަނި ބިނާއެވެ. އަދި 74 އަހަރު ކުރިން އެންމެ ފުރަތަމަ ޤައުމީ ދާރުލްއާސާރު ހުޅުވުނީވެސް މި އިމާރާތުގައެވެ.
މި އިމާރާތަކީ ރަނގަޅު ފެންވަރަކަށް ހެދިފައިވާ އެދުވަސްވަރުގެ ޢިމާރާތްކުރުމުގެ ފަރުމާ ވަރަށް ރަނގަޅަށް ދައްކައިދޭ ތަނެކެވެ. އުސްގެކޮޅު ފަދަ ތާރީޚީ ތަންތަނަށް ދެވޭ މިފަދަ ގެއްލުންތަކުގެ ސަބަބުން ތަނުގެ ސަގާފީ އަގަށް އަސަރުކޮށް، އިއާދަނުކުރެވޭ ފަދަ ގެއްލުން ތަނަށް ލިބުން އެކަށީގެންވެއެވެ.
ޤާނޫނާއި ޤަވައިދުގެ ތެރެއިން އުސްގެކޮޅު ރައްކާތެރިކޮށް ބެލެހެއްޓުމުގެ ކަންކަން ވުޒާރާގެ ދަށަށް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ވަނީ ފަށާފައެވެ.




