.jpeg&w=3840&q=75)
-
ކިތަންމެ ރީތި ކެމެރާއެއް އިންނަ ފޯނެއް އަތުގައި އޮތަސް، މިހާރު ފޮޓޯއެއް ނަގަންޔާ ބޭނުންވަނީ ވަރުގަދަ ފްލޭޝްއަކާއި އެކު އިންނަ ޑިޖިޓަލް ކެމެރާއެކެވެ.

ސްމާޓްފޯނުތަކުގެ ޒަމާނުގައި ހުރިހާ ފޮޓޯއެއް މާ ބޮޑަށް އޮމާންކޮށް އަދި ފުރިހަމަކޮށް ފެންނަން ހުންނައިރު، ޒުވާނުން މިހާރު މިވަނީ ފޮޓޯތަކުގެ އެ "އައިބުކަމާއި" ގުދުރަތީ ގޮތްގަނޑު ފެންނަން ބޭނުންވެފައިއެވެ. މިއީ ހަމައެކަނި ފެޝަނަށް އައި ބަދަލެއް ނޫނެވެ. މިއީ ދިރިއުޅުމުގެ ހަނދާންތައް ރައްކާކުރާ ގޮތަށް އައި ބަދަލެކެވެ.
ކެނަން އިން ހަދާފައިވާ ދިރާސާއަކުން ދައްކާގޮތުގައި، އާ ޖީލުގެ ޖެން ޒީ ކުދިން މިހާރު މާ ބޮޑަށް އެޑިޓްކޮށްފައި ހުންނަ ފޮޓޯތަކާ ދުރަށްޖެހި، ވަގުތުން ނަގާ އަދި މާހައުލުގެ އަސްލު ކުލަވަރު ދައްކުވައިދޭ ފޮޓޯތަކަށް ޝައުގުވެރިވެއެވެ.
މިހާރު ޕާޓީތަކާއި ހަފުލާތަކުގައި އަތުކުރީގައި ޑިޖިޓަލް ކެމެރާތައް އެލުވައިގެން އުޅުމަކީ އަނެއްކާވެސް އާދައަކަށް ވެއްޖެއެވެ. ލިޕްގްލޮސް، އަވިއައިނު އަދި ހެޑްފޯނުގެ އިތުރުން ޑިޖިކެމް އަކީ މިހާރު ދަބަހަށް ކޮންމެހެންލާންޖެހޭ އެންމެ މުހިންމު އެއް "ފެޝަން އެކްސެސަރީ" އެވެ.
ފްލޭޝް ގަދަ އަދި "ރޯ" ފޮޓޯތަކުގެ ސަގާފަތް ފެޝަންގެ ބޮޑެތި ބްރޭންޑްތަކުން ވެސް މިހާރު ދަނީ ބޭނުންކުރަމުންނެވެ. މަޝްހޫރު ފޮޓޯގްރާފަރު ޔޫގަން ޓެލާގެ ލެންސުން ފެންނަ ފްލޭޝް އާއި ހަރަކާތްތެރި ފްރޭމްތަކަކީ މިއަދުގެ ފެޝަން ފޮޓޯގްރަފީގެ މައިގަނޑު ރިފަރެންސެވެ.
ވިވިއަން ވެސްޓްވުޑްގެ ކެމްޕޭންތަކުން ފެށިގެން އެންމެ ފަހުގެ "ބަލްމޭން" ގެ 2025 ގެ ކެމްޕޭނު ތަކުންވެސް ފެންނަނީ މާ ބޮޑަށް ފުރިހަމަނުކޮށް، ކުއްލިއަކަށް ނަގާފައި ހުންނަ ފަދަ އިހުސާސެއް ކުރުވާ ފޮޓޯތަކެކެވެ. ސަބަބަކީ ބައެއް ފަހަރު ފުސްކޮށް ހުންނަ ފްލޭޝް ފޮޓޯއެއް، އަސްލު ހަނދާނަށްވުރެ ވެސް ހަގީގަތާ ގާތްކަމަށް ދައްކާތީއެވެ.
ކެންޑަލް ޖެނާ އަދި ސެބްރީނާ ކާޕެންޓާ ފަދަ ތަރިން ވެސް މިހާރު ޑިޖިކެމް ބޭނުންކުރެއެވެ.
ވޯގްގެ "އިން މައި ބޭގް" އިންޓަވިއުގައި ދުއާ ލިޕާގެ ދަބަހުން ކަޅުކުލައިގެ ޑިޖިޓަލް ކެމެރާއެއް ފެންނައިރު، އޭނާ ބުނިގޮތުގައި މިއީ ޕާޓީއަކަށް ދާއިރު އެންމެ ސަޅި ބައިވެރިޔާއެވެ.
އަދި ދާދިފަހުން ޒާރާ ލާސަން ވެސް ވަނީ ކޭންސް ފިލްމު ފެސްޓިވަލްގައި އޭނާ ލައިގެން ހުރި ހެދުމުގެ ފޮޓޯތައް ނަގަން މި ކެމެރާ ބޭނުންކޮށް، އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.
ކުރިއަށް ހުރި މަޝްހޫރު ގިނަ ހަފްލާތަކުން ވެސް ދެން މި ކެމެރާތަކާއި މި ފޮޓޯ ސްޓައިލް ގިނައިން ފެންނާނެ ކަމަށް ބެލެވެއެވެ.





