
އެސްޑީއެފަށް ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފި
# ފިނޭންސް މިނިސްޓްރީ# ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުފިނޭންސް މިނިސްޓްރީ
ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އިން 1 ބިލިޔަނަކަށްވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެެލޮޕްމަންޓް" އިން ނެރުނު ރިޕޯޓްގައި ދައްކާގޮތުގައި މިއީ މި އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖޫން މަހުގެ 4 ވަނަ ދުވަހާ ހަމައަށް ޖަމާކޮށްފައިވާ ރުފިޔާއެވެ.
މި އަހަރުގެ މިހާތަނަށް 1 ބިލިޔަނަށްވުރެ ގިނަ ފައިސާ ޖަމާކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އެސްޑީއެފްއަށް ޖަމާކޮށްފައިވަނީ 934 މިލިޔަން ރުފިޔާ އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މުއްދަތުގެ ތެރޭގައި ދަރަނި ދެއްކުމަށް ކުރި ހޭދަވެސް ވަނީ އިތުރުވެފަ އެވެ. އެއީ މިއަހަރުގެ މިހާތަނަށް ދައުލަތުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 8.7 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނު ދެއްކުމަށް 3.1 ބިލިޔަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލޯނުތައް ދެއްކުމަށް ހަރަދުކުރި އަދަދާއި އަޅާބަލާއިރު 178% އިތުރުވުމެކެވެ.
ސަރުކާރުން މިއަހަރު ދެއްކި 500 މިލިޔަން ޑޮލަރުގެ ލޯނު ދައްކާފައިވަނީ އެސްޑީއެފުންނެވެ.
ސޮވެރިން ފަންޑަކީ، ކުއްލި ހާލަތުގައި ކުރިމަތިވެދާނެ ކަންކަމަށް އަދި ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމަށާއި، އިޤްތިޞާދަށް އައިސްދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ފަންޑެކެވެ.2016 ވަނަ އަހަރު އުފެއްދި ރާއްޖޭގެ ސޮވެރިން ފަންޑަށް ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ތިން ދިމާލަކުން އަންނަ ފައިސާ އެއްކޮށް އެ ފަންޑަށް ދަނީ، ޖަމާކުރަމުންނެވެ. އެއީ، އެއާޕޯޓުން ފުރާ މީހުންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ އާމްދަނީއާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އޮޕަރޭޓްކުރާ، އެމްއޭސީއެލްގެ ހިއްސާގެ ފައިދާއިން ދައްކާ ޑިވިޑެންޑް އަދި އެއަރޕޯޓުގެ ބައެއް ޚިދުމަތްތަކުގެ ފީތައް ބޮޑުކޮށްގެން އިތުރަށް ލިބޭ އާމްދަނީ އެވެ.






