
ޖުޑީޝަލް ސާވިސް ކޮމިޝަން
ސިވިލް ކޯޓަށް 3 ޤާޟީން ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

ޖޭއެސްސީން މި ފުރުސަތު ހުޅުވާލާފައިވަނީ މި އަންނަ މަހުގެ 12:00 ގެ ކުރިން ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ.
ޖޭއެސްސީގެ އިއުލާނުގައި ފަނޑިޔާރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައަޅާފައިވެ އެވެ. އެއީ އަސާސީ ޝަރުތުތަކުގެ އިތުރުން، ޤާނޫނު އަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިހާބުކޮށްފައިވާ ނުވަތަ އައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
މީގެ އިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ހިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ހުކުމްކުރެވި އެ ހުކުމް ވޭތުވެދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ. އަދި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުމާއި، ޖިނާއީ ކުށެއް ސާބިތުވެ ހުކުމް ތަންފީޒު ކުރަމުންދާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.
އިއުލާނުގައިވަނީ ޤާޟީކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ، އިސްލާމީ ޝަރީއަތާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ އަދި ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެ އެވެ.މި މަގާމަށް ކުރިމަތިލާ ފަރާތްތަކަށް އަސާސީ މުސާރައިގެ ގޮތުގައި 37,700.00 ރުފިޔާ އަދި އެލަވަންސްތަކުގެ ގޮތުގައި 22،300 ރުފިޔާ އަދި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސް ލިބިދެވޭނެކަމަށް އިއުލާނުގައިވެ އެވެ.






